ކުޅިވަރު

ޔުނައިޓެޑްގެ ކޯޗު ކަމަށް ޒިދާންގެ ޝައުގުވެރިކަމެއް ނެތް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމަށް ފްރާންސްގެ ޒައިނުއްދީން ޒިދާން ޝައުގުވެރި ނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގުނަ ސޮލްޝެއާ އެ މަގާމުން ވަކިކުރިކަން ކްލަބުން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މި ހަފުތާގައި ކުޅުނު މެޗުގައި ވޮޓްފޯޑު އަތުން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. ސީޒަންގެ މިހާތަނަށް އައިއިރު ޔުނައިޓެޑުން ނެރެމުން އައި ނަތީޖާތައް ގޯސްވެ، ޕްރެޝަރުގައި އޮވެގެން މި ހަފުތާގެ މެޗަށް ޔުނައިޓެޑް ނުކުތް އިރު، ވޮޓްފޯޑު އަތުންވި ބައްޔަކީ ބޯޑަށް ހަޖަމު ނުކުރެވުނު އުނދަގޫ ބައްޔެކެވެ.

އެ ބައްޔާއެކު ވަގުތުން ސޮލްޝެއާ ވަކިކޮށް، ޔުނައިޓެޑުން ވަނީ ކެއާ ޓޭކާގެ މަގާމު މައިކަލް ކެރިކާ ހަވާލު ކޮށްފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑްގެ ބޯޑުން ބޭނުންވަނީ ރެއާލް މެޑްރިޑްގެ ލެޖެންޑް ޒިދާން ކޯޗު ކަމަށް ގެންދާށެވެ. އެގޮތުން ޔުނައިޓެޑްގެ ޗެއާމަން ޖޯލް ގްލޭޒާ، ޒިދާން ގެންދަން ބޭނުން ވެ، އެކަމަށް މަސައްކަތް ކުރުމަށް ބޯޑުގެ ކިބައިން އެދުނު ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ބީބީސީން ބުނި ގޮތުގައި ޔުނައިޓެޑުން ޒިދާން ހޯދަން ރަސްމީކޮށް ވާހަކަ ދެއްކި ނަމަވެސް، މިވަގުތު ޔުނައިޓެޑާ ހަވާލުވާން ޒިދާންގެ ޝައުގެއް ނެތެވެ. ހާއްސަކޮށް ސީޒަންގެ މެދުތެރެއިން ޒިދާން ޔުނައިޓެޑާ ހަވާލު ވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޒިދާންގެ ބައެއް ގާތް ފަރާތްތަކާ ހަވާލާ ދީ ބީބީސީން ރިޕޯޓް ކޮށްފައިވެއެވެ.

މީގެ ކުރިން ދެ ފަހަރަކަށް ރެއާލް އަށް ކޯޗުކަން ކޮށްދިން ޒިދާން، އެންމެފަހުން އެޓީމުގެ ބެންޗުން ފެނުނީ މިއަހަރު މޭ މަހުގައެވެ. އެފަހަރު މަގާމު ދޫކޮށްލި ފަހުން އަދި ކޯޗިންގައި ޒިދާން ފެނިފައި ނުވާ އިރު، ފުރަތަމަ ފަހަރު ރެއާލްއާ ހަވާލުވެ ޒިދާން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.

އެގޮތުން އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން ކްލަބާއެކު ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. އެ ކާމިޔާބީތަކަށްފަހު 2018 ވަނަ އަހަރު ޒިދާން ރެއާލް ދޫކޮށްލި ނަމަވެސް 2020 ވަނަ އަހަރު އަލުން ކްލަބުގެ ކޯޗުކަމާ ހަވާލުވެ، ލަލީގާވެސް ކާމިޔާބު ކުރިއެވެ.

ޒިދާން މިވަގުތު ހުރީ އެއްވެސް ކްލަބެއްގެ މަސައްކަތެއްގައެއް ނޫނެވެ. އެހެންކަމުން ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކާއި ފްރާންސް ގައުމީ ޓީމުންވެސް އަންނަނީ އޭނާއަށް ލޯ އަޅަމުންނެވެ. ޔުނައިޓެޑްގެ އިތުރުން ޕީއެސްޖީންވެސް ޒިދާނަށް ޝައުގުވެރިކަން ހުރި އިރު، ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާވެސް ޒިދާން ކޮންމެވެސް ވަރަކަށް ގުޅޭކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.