ލުއި ރިޕޯޓް

އެވްރާ އާއި ރައީސް ސޯލިހުގެ ދުބާއީ ބައްދަލުވުން، ދިވެހި މިރުހުގެ ކުޅި ތަޖުރިބާ

މުޙައްމަދު ޝަމްޢޫން

ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޕެޓްރީސް އެވްރާއަކީ ކުޅުންތެރީންގެ ތެރެއިން ހޮވައިލެވޭނެ ސޯޝަލް މީޑިއާ "ކިންގް"އެކެވެ. ތަފާތު މަންޒަރުތަކާއެކު އަބަދުވެސް ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް އެވްރާ އަށް ހުއްޓޭތަން ފެނެއެވެ. މެންޗެސްޓާ ޔުނައިޓެޑް އާއި ޔުވެންޓަސްގެ އިތުރުން މާސޭ ފަދަ ޝަރަފުވެރި ކްލަބުތަކަށް ކުޅުމަށްފަހު މިހާރު ރިޓަޔާމަންޓުގައި އެވްރާ މަސައްކަތްކުރަމުން އަންނަ އިރު، އޭނާއަކީ ކާމިޔާބު ޓީވީ އެނަލިސްޓެކެވެ. ހާއްސަކޮށް މަޖާ، އަދި މީހުން ގަޔާވާ މިޒާޖުގެ އެނަލިސްޓެއް ވެސް މެއެވެ. ބަދަލު ނުވާނެ އެންމެ މުހިއްމު އެއްކަމަކީ އެވްރާއަކި 100 ޕަސެންޓް މެންޗެސްޓާ ޔުނައިޓެޑްގެ ލޭ ހިނގާ ކުޅުންތެރިއެއް ކަމެވެ. އަބަދުވެސް އެވްރާ އެހެން ބުނޭވެސް މެއެވެ.

މިވަގުތު ޔޫއޭއީގެ ޑުބާއީއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅެމުން އަންނަ އެވްރާއާ ދާދި ފަހުން ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުވިއެވެ. ބެލެވޭ ގޮތުގައި އެވްރާ އާއި ރައީސް ސޯލިހު ބައްދަލުވީ ޑުބާއީ އެކްސްޕޯގެ ތެރެއިންނެވެ. ރައީސް ސޯލިހާ ބައްދަލުވި ބައްދަލުވުން ހާއްސަވެ، އެވްރާ ވަނީ އެ މަންޒަރުގެ ވީޑިއޯއެއްވެސް ޓްވުޓާގައި ހިއްސާ ކޮށްފައެވެ. ކެޕްޝަންގައި ވަނީ "ރާއްޖެގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށާއި، ރައީސް ސޯލިހާ ބައްދަލުވުމަކީ ލިބުނު ފަހުރެއް ކަމަށެވެ." އޭގެ އިތުރުން ދެން ކެޕްޝަންގައި ހިމަނާފައި ވަނީ "ދެން ދިވެހި ކުޅި މިރުސް ނުކާނެ،" ކަމަށެވެ.

ސަމާސާގެ ބޮޑެއް ކަމަށްވާ އެވްރާ އަށް ރައީސް ސޯލިހާ ދިމާވެ ދެއްކުނު ވާހަކައިގައި މިރުހުގެ ވާހަކަ ފާހަގަ ވެފައި ވުމުން، ދެން މިރުސް ނުކާނެ ކަމަށް އޭނާ ބުނީ ދިވެހި މިރުހުގެ ކުޅި ރަހަ މާ ގަދަވުމުން ކަމަށް ބެލެވެއެވެ. އެވްރާގެ އެމޯޖީތަކުން އެކަން ސާފުވެސް ވެއެވެ.

"ރާއްޖޭގައި އަހަރެން ހޭދަކުރި ޗުއްޓީއަކީ ހަޔާތުގައި ހޭދަކުރި އެންމެ އުފާވެރި ޗުއްޓީ. އެއީ ހަމައެކަނި ރީތި ރަށްތަކަކުން ނޫން. ރާއްޖޭގެ މީހުންގެ ސަބަބުން. ރާއްޖޭގެ މީހުންގެ ހިތްހެޔޮ ކަމާއި، މެހެމާންދާރީގެ ސަބަބުން ވަރަށް ބޮޑަށް އުފާވެ ހިތްހަމަ ޖެހުނު. ރާއްޖޭގެ ރައްޔިތުންނަށް އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ކޮށްދެވެން އޮތް ނަމަ ވީވަރަކުން ކޮށްދޭނަން. ޗުއްޓީގެ ހާއްސަ ކަމަކަށް ދިވެހި މިރުހުގެ ރަހަވެސް ބެލުނު،" އެވްރާ ރައީސް ސޯލިހުގެ އަރިހުގައި ބުންޏެވެ.

ރައީސް ސޯލިހު އެވްރާއާ ވާހަކަފުޅު ދައްކަވަމުން ފުރަތަމަ އެއްސެވީ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ފުރިހަމަތޯއެވެ. ދެން ވާހަކައިގެ ތެރެއިން ރައީސް އެއްސެވީ ދެން އެވްރާ ރާއްޖެ ދާނެ އިރެކެވެ.

"އަހަރެން އަންހެނުންނާއެކު ރާއްޖެ ދާން މިފަހަރުވެސް އުޅުނިން. ދެން ޔޫރަޕްގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ މިވަގުތަށް މަޑުކޮށްލީ. މިހާރު އަހަރެން ދިރިއުޅެނީ ޑުބާއީގަ ކަމަށްވާތީ މިހާރު އެންމެ ތިން ގަޑިއިރު ނަގާނީ ރާއްޖެ ދާން. އެހެންވީމަ ހަމަ ޔަގީނުންވެސް ދޭތެރެ ދޭތެރެއިން ރާއްޖެ ދާނަން. އެއީ އެ ބްރޭކް ބޭނުންވާތީ. ސިކުނޑިއަށް ރާއްޖޭގެ ބޭނުން ޖެހޭ،" އެވްރާ ބުންޏެވެ.

ވަރަށް "ކޫލް" ވީޑިއޯ ކޮޅެކެވެ. ފަހުރުވެރިވެސް މަންޒަރެކެވެ. އެވްރާއަކީ މަޖާ މިޒާޖެއްގެ ކުޅުންތެރިއެއް ނަމަވެސް، އޭނާއަކީ ވަރުގަދަ ލެޖެންޑެއްވެސް މެއެވެ. ފްރާންސް ގައުމީ ޓީމާއެކު އޭނާ ވަނީ 81 މެޗު ކުޅެފައެވެ. ފަސް ފަހަރަށް އިނގިރޭސި ލީގު ކާމިޔާބުކޮށް އެވްރާ ވަނީ ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. ޔުވެންޓަސްއާއެކު ދެ ފަހަރަށް އިޓަލީ ލީގުވެސް ނެގި އެވްރާއަށް ރައީސް ސޯލިހާ ބައްދަލުވުމުން ކުރެވުނު ފަހުރުވެރި އިހުސާސުން، ދިވެހީންނަށް ހިތްހަމަ ޖެހުމެއް ގެނެސްދީފިއެވެ. ހާއްސަކޮށް ޔުނައިޓެޑްގެ ފޭން ބޭސް އަށާއި، ފްރާންސްގެ ފޭން ބޭސްއަށް އެއީ ހިނިތުންވުމުގެ މަންޒަރެކެވެ. ރާއްޖޭގެ ކުޅި މިރުހަށް ތަފާތު ވާހަކަ އެކެވެ.