އިނގިރޭސި ޕްރިމިއާ ލީގު

ފަސޭހަކަމާއެކު އެވަޓަން ބަލިކޮށް، ސިޓީން ޗެލްސީ ފުލުގައި ވިއްދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އެވަޓަންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ ސިޓީން ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. 12 މެޗުން 26 ޕޮއިންޓާއެކު ސިޓީން ދެވަނައިގައި އޮތް އިރު، އެޓީމުން ވަނީ އެއްވަނައިގައި އޮތް ޗެލްސީއާ ތިން ޕޮއިންޓާ ގާތްކޮށްފައެވެ. ޗެލްސީއަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން ސިޓީން މިރޭގެ މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ސިޓީއަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިންއެވެ. މިރޭގެ މެޗަކީ ޓޮޕް ފްލައިޓުގައި ސްޓާލިން ކުޅުނު 300 ވަނަ މެޗެވެ. ސްޓާލިން އެ ގޯލު ޖެހީ ޖާއޯ ކާންސެލޯ ހުރަސްކޮށްދިން ހިތްގައިމު ބޯޅައަކުންނެވެ.

ސިޓީން މެޗު ކޮންޓްރޯލުކޮށް ކުޅެމުން ގިނަ ޕާސްތަކެއްވެސް ޖެހިއެވެ. ފަސޭހަކަމާއެކު ބޯޅަ ގެންގުޅެ މެޗުގެ 75 ޕަސެންޓް ވަގުތުގައި ސިޓީން ވަނީ ބޯޅަ ހިފަހައްޓައިފައެވެ. އެ ކޮންޓްރޯލުގައި ސިޓީން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފު ފެށިގެން ދިހަ މިނެޓު ތެރޭގައެވެ. ސިޓީގެ ދެވަނަ ގޯލަކީ މެދުތެރެއިން ކުޅޭ ރޮޑްރީ ދުރުން ފޮނުވާލި ބާރު ހަމަލާއެކެވެ.

މޮޅަށް ކުޅެ ސިޓީން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ ބާނާޑޯ ސިލްވާ ފަހުވަގުތުގައި ޖެހި ގޯލަކާވެސް އެކުގައެވެ. އެ ގޯލުތަކުގެ އިތުރުންވެސް މެޗުގައި ސިޓީން ފުރުސަތުތައް ފަހިކޮށްފައިވާ އިރު، އިލްކޭ ގުންޑޮގަންގެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ. އޭގެ އިތުރުން ސިލްވާއާއި ސްޓާލިންގެ އިތުރު ހަމަލާތަކެއް އެވަޓަން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.