ޚަބަރު

މަޖިލިސް ރައީސް ހުންނެވުމަށް "މުރައިދޫގެ" މަރާމާތުކޮށް ނިންމައިފި، ގެ ހިމެނޭ ސަރަހައްދު ރެޑް ޒޯނަކަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ، މުރައިދޫގޭގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށާއި އެތަނަށް މިހާރު މީހުންނަށް ބަދަލު ވެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެތަން އަދި ރަސްމީކޮށް ހަވާލު ނުކުރާ ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ކުންފުނި، ސިފްކޯ އިން މުރައިދޫގެ މަރާމާތުކޮށް ނިންމާލި އިރު، ގެ ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެ މާނައަކީ އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުންވެސް މަނާވާނެ އެވެ.

އޭގެ އިތުރުން އާބުރުޒު މަގުން ވަދެވޭ ގޮތަށް ހުންނަ ހައިކޯޓު ކުރިމަތީގައި އޮންނަ ޕާކިން ޒޯނުން އެއް ބައި ހުސްކޮށް، މުރައިދޫގޭގެ ވަލު ދޮރާށިން ވެހިކަލް ވަދެ ނުކުމެވޭ ގޮތަށް ވަނީ ހަދައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް އެ ބަދަލު ގެނައީ ރައީސް ނަޝީދު އަވަހަރަ ކޮށްލަން މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހުއެވެ.

އެގޮތުން މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައެޅިއެވެ. އަދި އެ ދެ ބޭފުޅުންނަށް މުވައްޒަފުންވެސް ހަމަޖައްސައިދީ، އެ މުވައްޒަފުންނާއި ތަނުގެ ހަރަދުވެސް ދައުލަތުން ބަލަހައްޓާ ގޮތަށް ވަނީ ހަދައިފައެވެ.

މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމެވެ. ނަމަވެސް އެ ބިމުގައި ގެކޮޅު ހަދަން ލަސްވާނެތީ ވަގުތީ ގެކޮޅެއްގެ ގޮތުގައި ނަޝީދަށް މުރައިދޫގެ ހަމަޖެއްސިއެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ހަމަޖައްސާފައިވަނީ ރެހެންދި ފުލެޓުގެ އެޕާޓްމަންޓެކެވެ.