މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ނޭޕާލް ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ކިރަން މާޒިޔާއަށް

ނޭޕާލް ގައުމީ ފުޓުބޯޅަ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.

ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނޭޕާލްގެ ގޯލްކީޕަރު ކިރަން މާޒިޔާއާ ގުޅުނުކަން ކްލަބުން ވަނީ ޔަގީންކޮށްދީފައެވެ. ކިރަންއަކީ އަންނަ ސީޒަނަށް މާޒިޔާއިން ސޮއިކުރި އެންމެ ފުރަތަމަ ކުޅުންތެރިޔާއެވެ. މިހާރުވެސް ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ކުޅުންތެރިން ހިމެނޭ މާޒިޔާގެ ޓީމަށް ކިރަން ފަދަ ތަޖުރިބާކާރު ގޯލްކީޕަރެއް އިތުރުވެގެން ދިޔުން ވެގެންދާނީ އެ ކްލަބުން އޭއެފްސީ ކަޕުގައި ކުރިއަށް ދާން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރަކަށެވެ.

ނޭޕާލްގެ ކިރަންއަކީ މި ސަރަހައްދުގެ އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައިވެސް ކިރަންގެ ފެންވަރު އޭނާ ސާބިތު ކޮށްދީފައިވެއެވެ. ތާރީހުގައި ނޭޕާލުން ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ފައިނަލަށް އެޓީމު ގެންދިޔުމުގައި ކިރަންގެ ދައުރު ބޮޑުކަން ފާހަގަވެގެން ގޮސްފައިވާ އިރު، ނޭޕާލް ޓީމުގެ ކެޕްޓަނަކީވެސް ކިރަންއެވެ.

ކިރަން ކުރިން ރާއްޖެ އައީ 2017 ވަނަ އަހަރުއެވެ. ޓީސީ ސްޕޯޓްސް ކްލަބަށް އައިސް އެ ކްލަބާއެކު ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ ބަންގުލަދޭޝްގެ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް އޭނާ ކާމިޔާބުވެސް ކުރިއެވެ. އެ މުބާރާތުން ހޯދި އިތުބާރާއެކު ކިރަން ރާއްޖެއަށް ތައާރަފުވެލިއެވެ. އޭގެ ފަހުން ޖެހިގެން އައި ސީޒަންގައި އިންޑިއާގެ މިނެރާވް ޕަންޖާބާއެކު އައި ލީގު ހޯދައި، އަނެއްކާވެސް ޖެހިގެން އައި ސީޒަނަށް ޓީސީއަށް އައިސް، ކިރަން ރާއްޖޭގެ ލީގު ކާމިޔާބު ކުރިއެވެ. އޭގެ ފަހުންވެސް އައިލީގުގެ ރައުންޑް ގްލާސް ޕަންޖާބަށާއި ނޭޕާލުގެ ދަންގަދި އެފްސީއަށް ކިރަން ކުޅެފައިވެއެވެ.

މާޒިޔާއަށް މިދިޔަ ސީޒަންގެ ކުރީކޮޅުގައި ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފީ ގެންދިޔަ ނަމަވެސް އޭނާ ފޮނުވާލައި، ސީޒަންގެ ފަހުކޮޅުގައި ފަހުން ކްލަބުން ގެނައީ އުޒުބަކިސްތާނުގެ މިރުޒޮހިދު މަމަތަނޯވްއެވެ. އޭއެފްސީ ކަޕުގެ އިތުރުން ލީގުގައިވެސް މާޒިޔާގެ ގޯލު ބެލެހެއްޓީ މިރުޒޮހިދާއި ރާއްޖޭގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފެވެ.

މިސީޒަނަށް މާޒިޔާއިން ނުކުންނާނީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގެ ދަށުންނެވެ. މާޒިޔާއިން މިދިޔަ ސީޒަންގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު އުފުލާލި ނަމަވެސް އޭއެފްސީ ކަޕް ދިޔައީ އުނދަގޫކޮށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފުލުގައި މާޒިޔާއި ނިންމާލި އިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.