ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ހަގީގީ ލާމަރުކަޒީ ނިޒާމު، ރަށު ބާރުތައް ރަށު ރައްޔިތުންގެ އަތްމައްޗަށް

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތުގެ ދަށުން މީގެ 13 އަހަރު ކުރިން އެކުލަވައިލި އާ ގާނޫނު އަސާސީ ނުވަތަ ފެހި ގާނޫނު އަސާސީގެ އެންމެ ބޮޑު އެއް ބޭނުމަކީ މާލެއަށް ޖަމާވެފައިވާ ބާރުތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތަކާއި ރަށްތަކަށް ދިނުމެވެ.

އެކަމަށް ޓަކައި ލާމަރުކަޒީ ގާނޫނެއް އުފައްދައި، ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތައް އުފެއްދި ނަމަވެސް އެ މަގުސަދު ހާސިލު ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ، ލާމަރުކަޒީގެ ނަމުގައި ވެރިކަމުގެ ނުފޫޒާއި ބާރު ކައުންސިލުތަކަށް ފޯރުވަމުންދިޔަ ތަނެވެ. ސަރުކާރުން ހިތްހަމަނުޖެހޭ ކައުންސިލުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު، އެ ރަށެއްގެ ތަރައްގީއަށް ހުރަސްއެޅިގެން ދިޔަ މަންޒަރު ވެސް ފެނިގެންދިޔައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، ލާމަރުކަޒީ ނިޒާމަކީ އޭގެ ހަގީގީ މާނައިގައި ހިނގާ ފުރިހަމަ ނިޒާމެއްގެ ގޮތުގައި ހެއްދެވުމުގެ ވައުދުފުޅާއެކުގައެވެ. އެ ވައުދުފުޅާއެކު، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުއަސާސީއަށާއި، ލާމަރުކަޒީ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސް ސަރުކާރުން ވަނީ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލައިފައެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހާއެކު ބޮޑެތި ބާރުތަކެއް، ކައުންސިލުތަކަށް ބޮޑު ބަޖެޓެއް!

އަލަށް އިސްލާހުކުރެވުނު ލާމަރުކަޒީ ގާނޫނުގެ ދަށުން މިދިޔަ އަހަރު ވަނީ ކައުންސިލުތަކަށް މެންބަރުން އިންތިހާބުކޮށްފައެވެ. މިހާރު ކައުންސިލުތަކުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންގެ ބައިވެރިވުން ވެސް ބޮޑެވެ. މި ސަރުކާރުން މިންތީގެ ހަމަހަމަކަން ގެނައުމަށް ގާނޫނުގެ ތެރެއިން ގެނައި އެންމެ ބޮޑު ބަދަލަކީ ކައުންސިލުތަކުގެ 33 އިންސައްތައަކީ އަންހެނުންނަށް ހެދުމެވެ. އޭގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެސް އިންތިހާބުވެގެންދިޔައެވެ.

ކައުންސިލުތައް ބާރުވެރިކުރުމަށް ރަށްރަށަށް އިހުތިސާސްތައް ވެސް ކަނޑައެޅިގެންދިޔައެވެ. އިހުތިސާސްގެ ތެރޭގައި ހިންގާ ވިޔަފާރީގެ ކަންކަމުން މާލީ މަންފާ މިހާރު ސީދާ ކައުންސިލުތަކަށް ލިބެއެވެ. ކައުންސިލުތަކުން މަސައްކަތްކުރުމަށް ނުވަތަ ބޭނުންވާ ތަރައްގީއެއް ނުގެނެވިގެން މިހާރު ސަރުކާރު ފަހަތުން ދުވާކަށް ނުޖެހޭނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ވެސް ކައުންސިލުތަކަށް ބާރުވެރިކުރާން އިތުރަށް ހަރަދުކުރާން ވަނީ ކަނޑައަޅައިފަ އެވެ. ކޮވިޑާ ގުޅިގެން އިގުތިސޯދަށް އައި ހީނަރުކަމާއެކު ބަޖެޓަށް ވިސްނަން ޖެހުނު ނަމަވެސް، ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ކައުންސިލުތަކަށެވެ. އެހެންކަމުން މިހާރު ކައުންސިލުތަކުން ރަށުގެ ތަރައްގީއަށް އަމިއްލައަށް މަޝްރޫއުތައް ހިންގުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ބިން ވިއްކުމާއި ފަޅު ރަށްތައް ކުއްޔަށް ދިނުމުގެ ބާރު ވެސް ކައުންސިލުތަކަށް!

ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިން ވިއްކުމުގެ ބާރާއި ފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބޮޑު ބާރު ވެސް ކައުންސިލުތަކަށް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަމަށް ޓަކައި ސަރުކާރުން ވަނީ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އެ ދެ ބިލުގެ ތެރެއިން ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު މިހާރު އޮތީ ލާމަރުކަޒީ ކޮމިޓީގައެވެ. އަދި ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އޮތީ މަޖިލިސް ތަޅުމުގައެވެ.

ބިމާބެހޭ ގާނޫނުގެ ނުވަވަނަ މާއްދާގެ (ނ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހަމަ އެ ބިން ލިބޭ ފަރާތުން، އެ ބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުން ނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލުކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭން ވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބިލުގައިވެއެވެ. އެހެންކަމުން މި ބިލުން ކައުންސިލުތަކަށް ލިބިފައިވާ އަމިއްލަވަންތަކަން އިތުރުވެ، އިގުތިސާދީ މިނިވަންކަން ވެސް އިތުރު ވެގެންދާނެއެވެ.

ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގެ (ށ) ގައި ބުނެފައިވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކިކުރާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށެވެ.

ނަމަވެސް އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން އެ މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަޅު ރަށްރަށް ފިޔަވައި އެނޫން ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކިކުރާނީ ގަވާއިދުގައިވާ ގޮތުގެ މަތިން ދަނޑުވެރިކަމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީން ކަމަށްވެސް ބުނެފައިވެއެވެ.

ފަޅު ރަށްރަށުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ގަވާއިދުގައިވާ ގޮތުގެ މަތީން އަދި، ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގޮތުން އަމަލުކުރާ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށެއްގެ ގޮތުގައި ތަރައްގީކުރާ ނަމަ، ހުއްދަތަކެއް ހޯދަން ޖެހެއެވެ.

އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅައިފިނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ރަށެއް އެ ކައުންސިލެއްގެ އިހުތިސޯސުން ވަކި ކުރަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުން ފިޔަވައި، އެނޫން ބޭނުންތަކަށް ރަށް ކުއްޔަށް ދޫކުރާނީ، އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ. އެގޮތަށް ކުއްޔަށްދޭ ރަށެއް ގިނަވެގެން 21 އަހަރު ދުވަހަށް ކުއްޔަށް ދެވޭނެ ކަމަށާއި ނަމަވެސް އެރަށުގައި މަސައްކަތް ފަށާ އިރު، ކުރާ އިންވެސްޓްމެންޓް ދިހަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހުރިހާ ކަމަކާއެކު ސަރުކާރުގެ ވިސްނުން ހުރީ ރަށްރަށަށް ބާރުވެރިކަން ދޫކޮށްލުމަށެވެ. ތަކުލީފުތަކެއް ނެތި، އާންމު ހިދުމަތްތައް ކައުންސިލުތައް މެދުވެރިކޮށް ރައްޔިތުންނަށް ހޯދައިދިނުމަށެވެ. ބޮޑެތި ބާރުތަކެއް ދޫކޮށްލައި، ރަށްރަށަށް މުއްސަނދިކަން ގެނެސްދިނުމަށެވެ.