ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ޓެރަރިޒަމް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް، ކޮރަޕްޝަން ހުއްޓުވުމަށް ފިޔަވަޅުތަކެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ އިސްކަމެއް ދިން އެއް ކަމަކީ ޓެރަރިޒަމާއި ކޮރަޕްޝަން ހުއްޓުވުމެވެ. އެއީ ވައުދުފުޅެއްވެސް މެއެވެ. ޓެރަރިޒަމް ހުއްޓުވުމަށް ގާނޫނު އިސްލާހުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް މި ސަރުކާރުން އެޅިއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޓެރަރިޒަމެވެ. ރާއްޖެއިން ބޭރުގައި ހިންގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރެވިގެންދިޔަ ތަން ފެނިގެންދިޔައެވެ. އެކަމާ ގުޅިގެން ރާއްޖެ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް މި ސަރުކާރު އައުމާއެކު އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ އިސް މީހުންތަކެއް ހައްޔަރުކޮށް، ޓެރަރިޒަމް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތަކެއް ވެސް ވަނީ ހިންގައިފައެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ވަނީ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރީމިޒަމް" އެކްޝަން ޕްލޭނެއް އެކުލަވާލައިފައެވެ. އެ އެކްޝަން ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށްގެންގޮސް، އެކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.

އޭގެ އިތުރުން ކައުންޓާ ޓެރެރިޒަމް އިންޓެލިޖެންސް ފިއުޝަން ސެންޓަރެއް ގާއިމުކޮށް އިންޓެލިޖެންސް އިދާރާތަކާއެކު ވަނީ އަމަލީ މަސައްކަތް ފަށައިފައެވެ. އަދި ސައުތު އޭޝިއަން ނެޓްވޯކް އޮން ޕްރިވެންޓިން ވައިލެންޓް އެކްސްޓްރީމިޒަމް (SAN-PVE) ގެ ނަމުގައި ސަރަހައްދީ ނެޓްވޯކެއް ގާއިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ޓެރަރިޒަމް ހުއްޓުވަމަށް ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން އެކުލަވައިލައި، އެ ޕްލޭނަށް އަހުލުވެރިކުރަން ވެސް ވަނީ ފަށައިފައެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުތައް އެނގޭނޭ ގޮތަށް އެފަދަ ލިސްޓެއް ގެޒެޓުކޮށް ވަނީ އާންމުކޮށްފައެވެ. އޭގެ އިތުރުން ނޭޝަނަލް ރީ-އިންޓިގްރޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ޕްރޮގްރާމުތައް އެކުލަވައިލުމުގެ މަސައްކަތްތައް ފަށައި، ޑިސްއެންގޭޖްމަންޓާއި ރީހެބިލިޓޭޝަން އަދި ރީ އިންޓިގްރޭޝަން ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތުގެ ދަށުން ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތަކީ ޓެރަރިޒަމް މާނަކުރުމުގެ ގާނޫނު އިސްލާހުކުރުމެވެ. އިސްލާހުކުރި ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ މިނިމަމް ސެކިއުރިޓީ ސްޓޭންޑާޑް ވަނީ އެކުލަވާލައިފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ރީހިބިލިޓޭޓް ކުރުމަށް މަރުކަޒެއް ގާއިމުކުރުމަށް މަސައްކަތް ވެސް ވަނީ ކުރެވިފައެވެ. އެގޮތުން ކ. ހިންމަފުށީގައި ނޭޝަނަލް ރީއިންޓާގްރޭޝަން ސެންޓަރު ގާއިމުކުރުމުގައި މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ވެސް ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކާއެކު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއިން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން އެ އިންޑެކްސްގައި 2019 ގައި ރާއްޖެ 130 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު ވަނީ 75 ވަނައަށް ޖެހިލައިފައެވެ.

ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކޮށް، ދެފުށް ފެންނަ ގޮތަކަށް ސަރުކާރުގެ ކަންކަން ރޭވުމަށް އެޅި ފިޔަވަޅުތަކާއެކު ހަފުތާއަކު އެއްފަހަރު ދައުލަތުގެ މާލީ ހިސާބުތައް އާންމުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް ވެސް އަންނަނީ އާންމުކުރަމުންނެވެ. އޭގެ އިތުރުން ސަރުކާރުން އަންނަނީ ދައުލަތުގެ ދަރަނީގެ ހިސާބުތަކުގެ ރިޕޯޓު ވެސް އާންމުކުރަމުންނެވެ.

ކޮރަޕްޝަން ނައްތާލުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށައި، ބީލަމުގެ މައްސަލަތައް ބަލާ ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ވެސް މި ސަރުކާރުން ފެށިއެވެ. އަދި އެސްއޯއީ ތަކުގެ ޕްރޮކިއުމެންޓް ގަވާއިދަށް ބަދަލު ގެނައުމާއި ގްރީން ޓެކުހާއި ގްރީން ފަންޑުން ކުރާ ހަރަދުތައް ހާމަކުރުމަކީ ވެސް މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

މި ސަރުކާރު ފެށިގެންދިޔައީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދޭން ވައުދު ވި ސަރުކާރެއްގެ ގޮތުގައެވެ. އެގޮތުން ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓުކުރުމަށް ތައާރަފު ކުރި ވިސްލްބްލޯވާ ޕޯޓަލް ފާހަގަކޮށްލެވެއެވެ. އެ ޕޯޓަލަށް ލިބުނު 200 އަށްވުރެ ގިނަ ކޭސްއެއް މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފައެވެ.