ފުވައްމުލަކަކީ އައްޑޫއާއި ހުވަދުއާ ދޭތެރޭގައި ކަނޑުމެދުގައި އޮންނަ ރަށެކެވެ. ފަޅެއް ނެތް، ވަށައިގެން ރާޅު އަރާ ރަށެކެވެ. ފަޅެއް ނެތުމުގެ ސަބަބުން އެއީ އޮޑިދޯނިފަހަރު ގެންގުޅޭށާއި މަސްވެރިކަން ކުރަން ދަތި ރަށެކެވެ. މި ބަޔާން ކުރަނީ މި ދެ ކަންތަކާ ގުޅޭ ވާހަކައެކެވެ. ވާހަކަ ކިޔައި ދެއްވީ ފުވައްމުލަކުގެ އުމުރުން ދުވަސްވީ ބޭކަލެއް ކަމުގައިވާ ކަރާންގޭ ޙަސަން ދީދީއެވެ. އޭނާއަށް މި ވާހަކަ ކިޔައި ދެއްވީ އެ ހާދިސާ ލޮލުން ދުށް މުސްކުޅިއެކެވެ.
ޙަސަން ދީދީ ދުނިޔެއަށް އުފަންވީ ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އޭނާއަށް 7 ދުވަސް ވީ ދުވަހު ކީ ނަމަކީ ޙަސަން ފަރީދެވެ. އެ ނަން ޙަސަން ދީދީއަށް ބަދަލުވީ ގޮތަކީ ދިލްޗަސްޕު ވާހަކައެކެވެ. ޙަސަން ދީދީގެ ބައްޕަ ވާރު ޢަލި ދީދީއަކީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ރައްޓެއްސެކެވެ. ޙަސަން ދީދީ ވަރަށް ކުޑައިރު ޢަލިދީދީ އޭނާ މާލެގެންނެވިއެވެ. އަދި ރަންނަ ބަނޑޭރި ކިލެގެފާނުގެ ފައިވާންޕުޅު ދެކެން މާފަންނުގެއަށް ދުރުވިއިރު ދަރިފުޅު ވެސް ގެންދެވިއެވެ. ދަރިފުޅުގެ ނަން ދެންނެވުމުން ކިލެގެފާނު ވިދާޅުވިއެވެ. ދަރިފުޅަށް ޙަސަން ފަރީދުގެ ބަދަލުގައި ޙަސަން ދީދީ ކިޔާށެވެ. (ކިލެގެފާނުގެ ބޭފުޅަކަށް ވެސް ޙަސަން ފަރީދޭ ކިޔައެވެ. އެ ދުވަސްވަރު ގަނޑުވަރުތެރޭ ބޭފުޅުންނާއި އާއްމުންނާ ދޭތެރޭގައި އޮންނަ ދަރަޖައިގެ ތަފާތުގެ ސަބަބުން ބޭފުޅަކަށް ކިޔާ ނަމެއް އާދައިގެ މީހެއްގެ ދަރިއަކަށް ކިޔުމީ އަރައި އަރަފޯދިގެންވާ ކަމެއްނޫނެވެ.)
މި ލިޔުމުގައ މި ބަޔާން ކުރާ ހާދިސާ ހިނގީ ޙަސަން ދީދީ ދުނިޔެއަށް އުފަން ވުމުގެ މާ ކުރިންނެވެ. އޭނާ ލަފާކުރައްވާ ގޮތުން އެކަން ހިނގީ 1860 ހާ ހިސާބުގައެވެ. މުސްކުޅިއަކު އޭނާއަށް ކިޔައިދިން ގޮތުން އެ ދުވަސްވަރު ޣިޔާޘުއްދީން ރަދުންގެ އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ މުހައްމަދު ދީދީގެ އިބުރާހީމް ދީދީގެ މުހައަމަދު ދީދީ، ބޭރު ދަތުރު ކުރާ އޮޑިއެއް ގެންގުޅުއްވިއެވެ. އެއީ ކަރައްޔަ އޮޑިއެވެ.
އެއްފަހަރަކު ކަރައްޔަ އޮޑި ސިލޯނުން އައިސް ލެފި އިރު ރަށް އޮތީ މަހަށް ޖެހިފައެވެ. ކަނޑުން މަހެއް ނުބޭވެއެވެ. އަދި ފުޅަނގި ވެސް ނުލައެވެ. އާއްމުކޮށް ފުވައްމުލަކަކީ ގިނައިން ފުޅަނގި ލާ ރަށެކެވެ. އެރަށު މީހުން މަސްވެރިކަން ދަށް މޫސުންތަކުގައި ކައި އުޅުނީ ފުޅަނގި މަހާއި އަލަ އާއި ކާށްޓެވެ. އެހެނަސް މި ހާދިސާ ހިނގި ދުވަސްކޮޅު ފުޅަންގެއް ނުލައެވެ. ވީމާ ރައްޔިޔުން ތިބީ ހައިހޫނުކަން މަތީގައެވެ.
ފުވައްމުލަކަކީ ފަޅެއް ނެތް ރަށަކަށް ވާތީވެ، އޮޑިއެއް ލެފީމާ ލަސް ނުކޮށް އެހެލަނީއެވެ. އެ އާދައިގެ މަތިން އޮޑި އެހެލަން މުޙައްމަދު ދީދީގެ ފަރާތުން ރައްޔަތުންނަށް ގޮވާލިއެވެ. ރައްޔިތުން އައިސް ތަންޑިޔަލާއި ވަލުގައި ހިފައި ޔޯއި ގޮވާލިއެވެ. އެހެނަސް އޮޑި ގުޑައި ވެސް ނުލިއެވެ. އަސްލު މިކަން މި ދިޔައީ މުސްކުޅި މުހާވިރާއެއްގައި ބުނާ ގޮތަށެވެ. "އަތޮޅުވެރިންނަށް ވަލުގައި ހިއްޕޭނީއެވެ. ބާރުލާނީ ރައްޔިތުންނެވެ." މިހާ ހިސާބުން އަޑުގަދަ މީހަކު ގޮވާލިއެވެ. ރައްޔިތުން މިތިބީ ބަނޑަށެވެ. ބާރުލާނީ ކިހިނަކުންތޯއެވެ.
މި އަޑުއައްސަވާފައި މުޙައްމަދު ދީދީ ވިދާޅުވިއެވެ. މިހާރު އޮޑި އެހެލަދޭށެވެ. ފުޅަންގަށް ތިމަންނަ ކަމެއް ކޮށްދޭނަމެވެ. މާދަމާ ހެނދުނު އަތިރިމައްޗަށް ދާށެވެ. މުޙައްމަދު ދީދީއަކީ ވަރަށް މޮޅު ފަންޑިތަވެރިއެކެވެ. އެޒަމާނުގައި މޮޅު ފަންޑިތަވެރިން އުޅުނެވެ. މުޙައްމަދު ދީދީއަކީ އޭގެތެރެއިން އަރާހުންނެވި ބޭފުޅެކެވެ. އޭނާއަކީ އެރަށަށް އަރުވައި ލެވުނު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކޮންމެއަކަސް މުޙައްމަދު ދީދީގެ ބަސްފުޅު އަހައިގެން ރައްޔިޔުން އޮޑި އެހެލައިދީފިއެވެ.
އެ ޒަމާނުގައި ފުޅަނގި އަރާތޯ ވަރަށް ގިނަ ފަންޑިތަ ހަދައި އުޅުނެވެ. އެ ފަންޑިތަވެރިންނަށް ފުޅަނގި ނުފެންނަނީސް، ފުޅަނގި ލާން އުޅޭކަން އެނގޭ ކަމަށްވެއެވެ. ނަމަވެސް މިހާރަކު ފަންޑިތަވެރިކަމެއް ނުކުރެއެވެ. ޒަމާން ބަދަލުވެ މީހުން "ހޭލުންތެރި"ވީއެވެ.
އިހުގެ ބައެއް ބުއްދިވެރީންނަށް ފަންޑިތައާ ނުލައި ވެސް ފުޅަނގި ލާކަން ދެނެގަނެވެއެވެ. އެއްފަހަރަކު ވާރު ޢަލީ ދީދީ މިސްކިތު ވަޅު ދޮށުން ވުޟޫއު ކުރައްވަން ހުންނަވަނިކޮށް، ފުޅަންގެއް ތުނބުލައިގެންދާ ކާޅެއް ފެނިވަޑައިގަތެވެ. ޢަލީ ދިދީ ނަމާދު ކުރައްވައި ސަލާމް ދެއްވާފައި ތޫނޑު ސަރަހައްދަށް އަވަސްއަވަހަށް ވަޑައިގެންނެވިއެވެ. އެއިރު ބޯކޮށް ފުޅަނގި ލަނީއެވެ. ފުޅަގި ފަހަން އުޅޭ ކަންނެލި ވެސް އެއްގަމާ ވަރަށް ކައިރިން ފެނުނެވެ. ޢަލި ދީދީ ގެއިން ކަންނެލި ވަދުލީ ދޮށްޓެއް ގެންނަވައިގެން ދެ ކާންނެލި ބޭނުއްވިއެވެ.
މި ބަޔާން ކުރާ 1860 ގެ ހާދިސާއަށް އެނބުރިލާއިރު، އޮޑި އެހެލި ދުވަހުގެ އަނެއް ދުވަހު ފަތިހު ރައްޔިތުން އަތިރިމައްޗަށް ދިޔައިރު ރާޅުތަކުގެ ބަނޑުދަށުން ހާލިހާއްޔަށް ފުޅަނގި ލަނީއެވެ. އެންމެން ފޯރީގައި "ނަގައި ހާލި،" "އަނގައި ރޯދި" ގޮވަމުން ފުޅަނގި ނަގަން ފެށިއެވެ. އެ ދުވަހު، އެއިން ދުވަހަކު ނުލިބޭހާ ގިނައިން ފުޅަނގި ލިބުނެވެ. އެ ޒަމާނުގައި ފުޅަނގި ނެގުމަކީ ދިރިއުޅުމަށް ކޮށް އުޅުނު މުހިންމު މަސައްކަތެކެވެ. އެހެނަސް މިހާރު އެއީ މަޖާގަނޑެކެވެ. ޒުވާނުން އަންހެން ކުދިންނާއި ފިރިހެން ކުދިން އަތިރިމައްޗަށް ނުކުމެ އެކަކު އަނެކަކު ގަޔަށް ވެލިޖަހާނީއެވެ. ފެންޖަހައި ތެންމާލަނީއެވެ. މިއިން ހަމަލާއެއް ކުއްޖަކަށް އަމާޒު ވެއްޖެއްޔާ އޭނާ، އެކަން ކުރި ކުއްޖަކު ފަހައި ދުވެ، ހިފައި އެ ކުއްޖާ ގަޔަށާއި ބޮލަށް ވެއްޔާއި ފެން ޖަހާނީއެވެ.
މި ކިޔައިދޭ 1860 އިގެ ހާދިސާގައި އެއް ބަޔަކު ބޮޑެތި ތެލިތެލި ގެނެސްގެން އަތިރި މަތީގައި ފުޅަނގި ކައްކައި ކައި ހެދިއެވެ. އެ ޒަމާނުގައި ފުޅަނގިން ކައްކަނީ މޫދު ލޮނު އަޅައިގެން ގަރުދިޔައެވެ. މިހާރު ކައްކަން ބޭނުން ކުރަނީ އިމްޕޯޓްކުރާ އަޔަޑިން އެޅި، ޕެކެޓް ލޮނެވެ. މިހާރު ހަވާދު އަޅައިގެން ރިހަ ވެސް ކައްކައެވެ. އަދި ކަށްޓާއެކު ކެވޭ ގޮތަށް ތެލުލައި ވެސް ހަދައެވެ. ފުޅަންގަކީ ކަށި ގިނަ މަހެކެވެ.
ފުޅަންގަކީ ޓޯރޕިޑޯ ސިފަޔަށް ހުންނަ، 18 އިންޗިއަށް ދިގުވާ މަހެކެވެ. އޭގެ އިނގިރޭސި ނަމަކީ ފްލައިންގް ފިޝްއެވެ. ސައިންޓިފިކް ނަމަކީ އެކްސޯސީޓިޑޭއެވެ. އެއީ ދުނިޔޭގެ ހުރިހާ ހޫނު ހިސާބެއްގެ ކަނޑުތަކުގައި އުޅޭ އެއްޗެކެވެ. އާއްމުކޮށް އެ ފެންނަނީ ރާޅުތަކުން ފުންމައިގެން ނުކުމެ ވައިގެ ތެރެއިން ދާ ތަނެވެ.
ހަޤީޤަތުގައި ފުޅަންގަކީ އުދުހޭ އެއްޗެއް ނޫނެވެ. އޭގައި ފިޔައެއް ވެސް ނުހުރެއެވެ. ފިޔަހެން ފެންނަނީ އޭގެ ކަންފަތް ގަނޑެވެ. އެއީ ވައި އަޅާހެން ފަތުރާލެވޭ ގޮތަށް ހުންނަ ބަޔެކެވެ. ފެނު އަޑިން ދުވެލި ނެގުމަށްފަހު މައްޗަށް އަރައި ކަންފަތްގަނޑު ފަތުރާލައިގެން، ވައިގެ ތެރޭގައި އޮމާންކޮށް ކެހެމުން ދަނީއެވެ (ގްލައިޑް ކޮށްލަނީއެވެ). މި ގޮތަށް ގަޑިޔަކު 37 މޭލުގެ ހަލުއިމިނުގައި ދަތުރުކުރެއެވެ. ތަކުރާރުކޮށް ގްލައިޑް ކުރަމުން 1300 ވަރަކަށް ފޫޓް ދުރަށް ދެއެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ފުޅަނގި ލައެވެ. ޚާއްސަކޮށް ގާމަތީ ރަށްރަށަށާއި އެއްފަރާތުގައި ފުއްޓަރު ހުންނަ ރަށްރަށަށެވެ. ފުޅަނގި އެއްގަމަށް އަރަނީ ކަންނެލި ނޫނީ ކަޅުބިލަ މަސް ފަހައިގަތީމައެވެ. މިހާރަކަށް އައިސް ގިނައިން މަސްވެރިކަން ކުރުމުގެ ސަބަބުން ފުއްޓަރު ކައިރިން މިބާވަތްބާވަތުގެ މަސް ވަނީ މަދުވެފައެވެ. ރަށްރަށަށް ފުޅަނގި ލުން މަދުވެފައި ވަނީ މިކަމުގެ ސަބަބުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގައި ފުޅަނގި މަދުވަމުންދާ ކަމަށް ފާހަގަކުރެވުނަސް، ދުނިޔޭގެ ފެންވަރުގައި ފުޅަންގަކީ ނަސްލު ނެތިދާނެކަމުގެ ނުރައްކަލާ ކުރިމަތިވެފައިވާ އެއްޗެއް ނޫނެވެ.
******
އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.
ރިފެރެންސްތައް
=========
1. ވާރު ޙަސަން ދީދީ، ކަރާންގެ، ފުވައްމުލަކު (2021) "ފުޅަނގި ލުން،" ބަސްދީގަތުމެއް
2. ނެޝަނަލް ޖިއޯގްރަފިކް (2021) "ފްލައިންގް ފިޝް،" ނެޝަނަލް ޖިއޮގްރަފިކް.ކޮމް