ބްރެޒިލްގެ ލެޖެންޑް، ޑެނީ އަލްވޭސް އަށް ބާސެލޯނާއިން ދޭނެ މުސާރައަކީ ލަލީގާގެ ފައިނޭންޝިއަލް އޮނިގަނޑުން ދެވެން އޮންނަ އެންމެ ކުޑަ މުސާރަ ކަމަށް ނޫސްތަކުން ބުނެފިއެވެ.
އުމުރުން 38 އަހަރުގައި އަލްވޭސް ބާސާ އަށް އަލުން ސޮއިކުރީ މިދިޔަ ހަފުތާ ތެރޭގައެވެ. ބާސާގެ ފައިނޭންޝިއަލް ހާލަތު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ އިރު، ކްލަބަށް ކުޅުންތެރިން ރަޖިސްޓްރީ ކުރެވެންވެސް އޮންނަނީ ކުދި މުސާރަތަކުގައެވެ. ނޫން ނަމަ ޖެހޭނީ ބައެއް ކުޅުންތެރިން ވިއްކާލާށެވެ. ބާސާގެ ފައިނޭންޝިއަލް ހާލަތު އޮތް ގޮތުން އަލްވޭސް ރަޖިސްޓްރީ ކުރެވެން އޮތީވެސް ޖެނުއަރީގައެވެ. ހާލަތަށް ބަލައި، ބާސާއަށް ހިލޭ ކުޅެން ޖެހުމަކުންވެސް މައްސަލައެއް ނެތް ކަމަށް އަލްވޭސް މިހާރު ވެސް ވަނީ ބުނެފައެވެ.
ޒަވީ ކޯޗުކަމަށް ގެނެސް، ކްލަބުގެ ކޯޗުގެ ގޮތުގައި ރަޖިސްޓްރީ ކުރުމާއެކު މިހާރުވެސް ކްލަބުގެ މުސާރަތައް ވަނީ އަހަރެއްގެ މައްޗަށް 3.9 މިލިއަން ޔޫރޯއަށް އަރާފައެވެ. އެއީ ލީގުގެ އުސޫލުތަކުގެ ދަށުން ބާސާއަށް މުސާރައިގެ ގޮތުގައި ކުޅުންތެރިންނާއި ކޯޗުންނަށްވެސް ދެވެން އޮތް އެންމެ ބޮޑު މިންވަރެވެ. އެހެންކަމުން އަލްވޭސް ރަޖިސްޓްރީ ކުރަން ވީހާވެސް ކުޑަ މުސާރައަކަށް ދާން ބާސާ އަށް ޖެހެއެވެ.
ފައިނޭންޝިއަލް އުސޫލުތައް ބުނާ ގޮތުން ކޮންމެ ކުޅުންތެރިޔަކަށްވެސް ކޮންމެވެސް މުސާރައެއް ދޭން ޖެހެއެވެ. އެހެންކަމުން ބާސާއިން އަލްވޭސް އަށް ދޭން ނިންމާފައިވާ އަދަދަކީ އަހަރެއްގެ މައްޗަށް 155،000 ޔޫރޯ ކަމަށް ލަ ވޭންގާޑިއާއިން ރިޕޯޓު ކޮށްފައިވެއެވެ. އެއީ އަލްވޭސްއާ ބަލައި ބޮޑުތަނުން ދަށް މުސާރައެކެވެ.
އުމުރުން 38 އަހަރުގެ އަލްވޭސް އަކީ ކްލަބުގެ ކޯޗުކަމާ ހަވާލުވެ، ޒަވީ ހެނާންޑޭޒް ކުރި ފުރަތަމަ ޓްރާންސްފާއެވެ. މިވަގުތު އަލްވޭސް ފްރީ އެޖެންޓެއްގެ ގޮތުގައި ހުރުމުން ޒަވީއަށް އަލްވޭސް ގެންދަން ފުރުސަތު ފަހިވެފައިވާ އިރު، އަލްވޭސް އަށް އަދި ކުޅެވޭނީ ޖެނުއަރީ މަހުގައެވެ.
އަލްވޭސް އަކީ ބާސާއަށް ޒަވީއާއެކު ކުޅުނު ކުޅުންތެރިއެއްވެސް މެއެވެ. ބާސާގެ ރަން ޓީމުގައި މުހިއްމުކޮށް ފާހަގަކޮށްލެވުނު އަލްވޭސް ވަނީ ކްލަބުގައި 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ހޭދަކޮށްފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ހަ ފަހަރަށް ސްޕެނިޝް ލީގު، ތިން ފަހަރަށް ޗެމްޕިއަންސް ލީގު، އަދި ހަތަރު ފަހަރަށް ކޮޕާ ޑެލްރޭ ބާސާއާއެކު ކާމިޔާބު ކޮށްފައެވެ. ޖުމުލަ 23 ތަށްޓެއް އަލްވޭސް ވަނީ ބާސާއާއެކު ހޯދާފައެވެ.
އޭގެ ފަހުން އިޓަލީ ލީގުގެ ޔުވެންޓަސް އަށް ގޮސް އެގައުމާއެކު ލީގު ނެގުމުގެ އިތުރުން ފްރާންސްގެ ޕިއޭއެސްޖީއަށް ގޮސް، ފްރާންސް ލީގުވެސް އަލްވޭސް ކާމިޔާބުކުރިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު