ޚަބަރު

ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރުމަކީ ފިނޑި އަމަލެއް، މިފަދަ އަމަލުތަކަށް ފުރުސަތު ދެވިގެން ނުވާނެ: އެމްއެންޑީއެފް

ރިފާ ހަލީލު

މާލޭ މަގުމަތިން ރޭގެ ވަގުތެއްގައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިކުރި އަމަލަކީ ވަރަށް ފިނޑި، ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ކޯސްޓުގާޑުގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓު ހަސަން ފަހީމަށް ހަމަލާދީފައިވަނީ ރޭ ދަންވަރު މާފަންނު އޭސް ހާޑްވެއާ ކައިރިން ހިނގާފައި ދަނިކޮށެވެ. އޭނާ ދަންނަ ބައެއް މީހުން ބުނީ އޭނާއަށް އަނިޔާކޮށްފައިވަނީ ފައިސާ ހޯދަން ކަމަށާއި ފުރަތަމަ ހަމަލާދިނުމަށްފަހު ރަހީނުކޮށްގެން ގެންގޮސް އެ ސަރަހައްދުގައި ހުރި ކޮޓަރިއަކަށް ވައްދައި އިރު އަރަންދެން އަނިޔާ ކުރި ކަމަށެވެ.

ފައިސާ ނުލިބުމުން އޭނާގެ ފޯނު އަތުލައި އައިޖީއެމްއެޗް ކައިރީ މަގުމައްޗަށް އެއްލާލާފައި އޮއްވައި އާންމުންގެ ބަޔަކަށް ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.

މި އަމަލު ކުށްވެރިކޮށް އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކޮށް، ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރޭގެ އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް އެއްވެސް މީހަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ސިފައިންނަށް އަމާޒުކޮށްގެން ދޭ މިފަދަ ފިނޑި ހަމަލާއަކުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް ލޮޅުމެއް ނާރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަހީމް ރަހީނުކޮށް ދިން އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ އިރު، އެމްއެންޑީއެފުން ބުނީ އޭނާގެ ހާލަތު ސިފައިންގެ ލީޑާޝިޕުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ފޯނުން ގުޅުއްވައި ފަހީމްގެ ހާލު ބެއްލެވި ކަމަށާއި ފަހީމްގެ އަންހެނުންނަށް މިނިސްޓަރު ގުޅުއްވައި މިކަމުގައި ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފްގެ ސީނިއާ ލީޑާޝިޕުން މިއަދު ހޮސްޕިޓަލަށް ޒިޔާރަތްކޮށް ފަހީމްގެ ހާލު ބެއްލެވި ކަމަށްވެސް ވަނީ ބުނެފައެވެ.

ފަހީމްގެ ގައިގެ އެކި ތަންތަނުގައި ބޮޑެތި ޒަހަމް ހުރި ކަމަށް ގާތް މީހަކު ވަނީ ބުނެފައެވެ. އެގޮތުން ބުރަކަށީގައި އެއްޗަކުން ތަޅައި އަނިޔާ ކުރުމާއި ސިނގިރޭޓު ބުރިވެސް އޭނާގެ ގައިގައި ޖައްސާފައި ހުރި ކަމަށެވެ.