އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާނުވާތީ، ސުވާލު އުފެއްދިއްޖެ އެވެ.

ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާނުކޮށްފައެވެ.

އެގޮތުން އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއީ މައްސަލާ ބަލަމުން ދިޔައިރު ފާހަގަވި ކަމަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

އެގޮތުން ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ބުންޏަސް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަމުން ދިޔަ އިރު، ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓުގައިވާ ނަންބަރާ ދިމާނުވާކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބެންޗުން ވަނީ ޗެކު ނަމްބަރު ދިމާނުވަނީ ކީއްވެތޯ އާއި އެއީ މައްސަލައިގައި ވާހަކަދެކެވޭ އެއް މިލިއަން ޑޮލަރުގެ ޗެކުތޯ ދައުލަތާ ސުވާލު ކުރައްވައިފައެވެ.

ބެންޗުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ އެ ޗެކަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ވާހަކަ ދެކެވޭ ޗެކު ކަމަށާއި ޔާމީނަށް ޗެކް ޖަމާކުރި ޑިޕޮސިޓް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާކަން އެނގުނީ ދައުވާކުރި ފަހުން ކަމަށެވެ. ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދާފައިވާ އެ ޗެކްގެ ތާރީހާއި އަދަދު ދިމާވާތީ ޗެކު ނަންބަރު އޮޅިފައި ވަނީ ބޭންކުން ޗެކް ނަންބަރު އެންޓަކުރުމުގައި ދިމާވި އޮޅުމަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އެ ނަންބަރު ދިމާނުވާކަން، މައްސަލައިގައި ދައުވާކުރި އިރުވެސް ދައުލަތަށް އެނގޭތޯ ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުން ވިދާޅުވީ، ދައުވާ ކުރި އިރު އެކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުވާކުރުމުގެ ކުރިން އަބްދުﷲ ޒިޔަތުގެ މައްސަލައިގައި އެ ޗެކު ދައުލަތަށް ލިބި، ދައުވާކޮށްފައިވާކަން ފަނޑިޔާރު މަހާޒު ފާހަގަކުރެއްވުމުން ދައުލަތުގެ ވަކީލު ނައުފަލު ވިދާޅުވީ، ޗެކު ލިބިގެން ޒިޔަތުގެ މައްޗަށް ދައުވާކުރެވިފައިވާ ކަމަށާއި ނަމަވެސް ޗެކް ލިބިފައި އޮތްކަން ނޭނގި އޮތީ ޕީޖީ އޮފީހުގައި މަސައްކަތް ރޭވިފައި އޮތް ގޮތުން އެއް ބަޔަކު ގެންގުޅޭ ލިޔުންތައް އަނެއް ބަޔަކަށް ނުފެންނާނެތީ އާއި ޒިޔަތުގެ މައްސަލައިގެ ލިޔުންތައް ގެންގުޅެފައިވަނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައި ކަމަށްވާތީ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަން ޔާމީންގެ ވަކީލުންނަށް ބެންޗުން ފުރުސަތު ދިނުމުން ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން ކަމަށާއި ދައުލަތަށް ލިބިފައި ހުރި ލިޔުންތަކަކީ ދައުލަތަށް ލިބިފައިހުރި ލިޔުންތަކެއް ކަމަށެވެ. އެހެންކަމުން އެއީ އޮޅުމެއް ކަމަށް ދައުލަތަށް ނުބުނެވޭނެ ކަމަށާއި މިކަމުގައި ދައުލަތުގެ އިހުމާލެއް އޮތްކަން ސާފުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ ކުރިންވެސް ނިންމާފައިވާ ގޮތަށް، އަންނަ މަހު ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމް ކުރައްވާނެ ކަމަށެވެ.