ކޮވިޑް 19 އާ ދެކޮޅަށް ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކުޅުންތެރިންނަށް ބަޔާން މިއުނިކުން ކޭމްްޕް ކުރާ ހޮޓަލަށް ނުވަދެވޭނެ ގޮތަށް ހޮޓާ ހިމެނޭ ސްޓޭޓުން ކަނޑައަޅައިފިއެވެ.
ޖަރުމަނުގައި އަނެއްކާވެސް ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުންދާ އިރު، އެގައުމުގެ ގިނަ ސިޓީތަކެއްގައި ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ބައެއް ހޮޓާ ތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުމުގައި ވެކްސިން ފުރިހަމަ ކޮށްފައި ވޭތޯ މިހާރު ވަނީ ބަލަން ފަށައިފައެވެ. އޭގެ ސަބަބުން ވެކްސިން ނުޖަހާ ބައެއް ކުޅުންތެރިންނަށް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ.
ބަޔާން އިން ހުކުރު ދުވަހުގެ ރޭ އޯސްބާގާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް އެޓީމުން ބަވާރިއާގެ ހޮޓަލެއްގައި ތިބެން ނިންމާފައިވާ އިރު، އެ ސްޓޭޓުގެ ހޮޓާ ތަކަށް ވަދެވެނީ ހަމައެކަނި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. އެ ސްޓޭޓުގެ ރެސްޓޯރަންޓް ތަކަށް ވައްދަނީވެސް ހަމައެކަނި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނެވެ. އެހެންކަމުން ބަޔާންއިން ކޭމްޕު ކުރާ ހޮޓަލަށްވެސް ވެކްސިން ނުޖަހައި ތިބި ކުޅުންތެރިންނަކަށް ނުވަދެވޭނެއެވެ.
ކިމިޗްގެ އިތުރުން ބަޔާންގެ ސާޖު ނަބެރީ އާއި ޖަމާލް މުސިއަލާ އަދި ޗުޕޮމޮޓިން ވެސް ތިބީ ވެކްސިން ނުޖަހައި ކަމަށް ހަބަރުތައް ބުނެއެވެ. ކިމިޗް ވެކްސިން ނުޖަހައި ހުރި ކަމަށް ދާދިފަހުން މީޑިއާގައި ބުނެފައިވެސް ވެއެވެ. އޭނާ ބުނެފައި ވަނީ ވެކްސިންގެ ސަބަބުން އަންނަ ސައިޑް އިފެކްޓްތައް ރަނގަޅަށް ބެލުމަށްފަހުގައި ނޫނީ ވެކްސިން ޖަހަން ދެކޮޅު ކަމަށެވެ.
ކޮމިޗް ވެކްސިން ނުޖަހާ މައްސަލައަށް ޖަރުމަނުގެ ހާރިޖީ ވަޒީރުގެ ސަމާލުކަން ވެސް ވަނީ ހުއްޓިފައެވެ. އޭނާ ވަނީ ބަޔާންގެ ހުރިހާ ކުޅުންތެރިންވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވައި، އެ ކްލަބަށް ހާއްސަ އެންގުމެއްވެސް އަންގަވައިފައެވެ. އެފަދަ ގޮތަކަށް ކިމިޗުގެ މައްސަލައަށް ސަމާލުކަން ހުއްޓުނީ ކިމިޗަކީ ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިޔަކަށް ވާތީ އެވެ.
ކިމިޗްގެ އިތުރުން ދެން ވެކްސިން ނުޖަހައި ތިބި ކުޅުންތެރިންނަށް ކަންކުރާނެ ވަކި ހާއްސަ ގޮތެއް ބަޔާން އިން އަދި ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ކްލަބުން ބުނެފައި ވަނީ ބަވާރިއާ ސްޓޭޓުގެ އުސޫލުތަކަށް ތަބާވާނެ ކަމަށެވެ. ބަވާރިއާ ސްޓޭޓްގެ ރައީސް މާކްސް ސޯޑާއަކީ ވެކްސިން ޖެހުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ރައީސެކެވެ. މާކްސްގެ ޕްލޭނުގައި ވެކްސިން ޖަހަން ކޮންމެހެން ޖެހޭ ފީލްޑްތަކެއް ކަނޑައެޅުން ހިމެނެއެވެ. އޭގެ ތެރޭގައި އެ ސްޓޭޓްގެ ހުރިހާ ކުޅުންތެރިން ހިމެނޭނެ ކަމަށްވެސް ވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު