ހދ ހަނިމާދޫ ބަނދަރު ހެދުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ، ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގައި 53,522.50 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން، 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނޭ ކަމަށް އެ ކުންފުނީން ބުނެ އެވެ.

މި މަޝްރޫއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.