ސްކޫލު ދަރިވަރުންގެ 90 ޕަސަންޓް ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން 97.3 ޕަސަންޓް ކުދިންނަށް ވެކްސިންގެ ފުރަަތަމަ ޑޯޒް މިހާރު ދީފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ފަސްޓް ޑޯޒް ދެވިއްޖެ 97.3 ޕަސަންޓް ކުދިންނަށް. ދެވަނަ ޑޯޒް ވެކްސިން ޖަހައިފި 90.1 ޕަސަންޓް ކުދިން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 ރާއްޖެއިން ފެނުމާއެކު، ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލި ކަމަށާއި އެ ޕްލޭނާ އެއްގޮތަށް އަމަލުކޮށް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މެދުކެނޑުމަކަށްފަހު ގައިޑްލައިންތަކާއެކު ދަރިވަރުން ސްކޫލަށް ގެންގޮސް އަލުން ކިޔަވައިދޭން ފެށުނު ކަމަށާއި ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތުގައި އެންމެ އަވަހަށް ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދޭން ފެށި ގައުމުކަމަށެވެ.
ރާއްޖޭގައި 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި އުމުރުފުރާގެ ކުދީންނަށް ދެނީ ފައިޒާ ވެކްސިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގައި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ 35،000 އެއްހާ ދަރިވަރުން އެބަތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު