ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ކުޅަދާނަ ލީޑަރެއް ކަމަށާއި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކޯލިޝަން ސަރުކާރު ދަމަހައްޓަވައި، ކޮވިޑުގެ ބަލިމަޑުކަން ވެސް މެނޭޖުކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފެހި ގާނޫނު އަސާސީއަށްފަހު 2008 އިން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބެއް ވެސް ކާމިޔާބުކުރެވިފައިވަނީ ކޯލިޝަން ސަރުކާރަކާއެކު ވެރިކަމަށް ކުރިމަތިލައްވާ ލީޑަރެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް މާގިނަ ދުވަސްތަކެއް ނުވެ، ކޯލިޝަން ވަނީ ރޫޅިފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރިފައިވާއިރު، ކޯލިޝަން އަދި ރޫޅިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީން އިއްޔެ ގެނެސްދިން ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ކޯލިޝަން ސަރުކާރަކާއެކު ރައީސް ސޯލިހަށް މަސައްކަތް ނުކުރެއްވޭނެ ކަމަށް ބައެއް މީހުން ބަނަމުންދިޔަ ނަމަވެސް، ކޯލިޝަން ސަރުކާރާއެކު އެމަނިކުފާނު މިހާރު ތިން އަހަރު ފުރިހަމަކުރައްވާފައިވާ ކަމަށެވެ.

"ވަރަށް ގިނައިން މީހުން ބުނާ ވާހަކައެއް، މިއީ ކޯލިޝަން ސަރުކާރެކޭ. އެކަމަކު މި ސަރުކާރުގައި މިހެން މަސައްކަތްކުރަމުން އަންނައިރު، އަޅުގަނޑަށް ފީލްވަނީ ރައީސް ސޯލިހު ވަރަށް ކުޅަދާނަ ކަމަށް. މީހުން ބުނެ އުޅޭ ކޯލިޝަން ސަރުކާރަކާއެކު ރައީސް ސޯލިހަށް މަސައްކަތެއް ނުކުރެއްވޭނެއޭ. އެކަމަކު މިހާރު ތިން އަހަރު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ދުނިޔޭގެ ތާރީހުގައި އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވި ދުވަސްވަރު ވެސް ވަރަށް ރަނގަޅަށް ކަންތައްތައް ކުރިއަށްގެންދެވޭ ކަމަށާއި ސަރުކާރުން ވަރަށް ބައިވަރު ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ރަށެއްގެ ކައުންސިލުން، ކޮންމެ އަތޮޅެއްގެ ކައުންސިލުން، ކޮންމެ އަތޮޅެއްގެ އިދާރީ ދާއިރާތައް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަކިވަކިން އެކަންކަން ފާހަގަކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންތައްތައް ކޮށްފި، ވަރަށް ދަތި އަހަރެއްގައި. ދެން ފާހަގަކޮށްލަން ޖެހޭ ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއޮތް ތާށި އަހަރު ތެރޭގައި ކުރިއަށް ޖައްސާލި ޖައްސާލުން. އެހެންވީމާ ފާހަގަކުރާނެ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. ރައްޔިތުންނަށް ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި އޮއްވައި، ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފި. ފަތުރުވެރިކަމުގެ ކާމިޔާބުގެ ކަންތައްތައް ކުރިއިރު ސަރުކާރުން އެކަމަށް ކުރި ހޭދަ، ކޮވިޑު މެނޭޖުކުރުމަށް ކުރި ހޭދަ، މުވައްޒަފުންނަށް ދިން އިންކަމް ސަޕޯޓް އެލަވަންސް، ތަފާތު ވިޔަފާރިތަކަށް ފޯރުކޮށްދިން އެހީތައް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ އެ ހުރިހާ ކަމެއް ގުނާލަން ޖެހޭ ކަމަށާއި ވަރަށް ތާށި، ވަރަށް ދަތި އަހަރެއްގައި ވަރަށް ކާމިޔާބުކަމާއެކު ރައީސް ސޯލިހު ސަރުކާރު ހިންގެވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.