މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 970 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ރާއްޖެ ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖެއަކީ މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ މަންޒިލެއް ކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތީގެ ނިސްބަތް މިދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ކަމަށެވެ.

"ތިން އަހަރުގެ ތެރޭގައި 970 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގެންފައިވޭ. އެއީ 2019 ވަނަ އަހަރު ނުވަ ކިލޯ، 2019 ވަނަ އަހަރު 284 ކިލޯ، 2020 ވަނަ އަހަރު 372 ކިލޯ، އަދި މިއަހަރުގެ މިހާތަނަށް 315 ކިލޯ" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން އޮންނަ ގޮތުން ނަމަ ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ދިހަ އަހަރު ވަންދެން ނައްތައި ނުލައި ބެހެއްޓޭ ކަމަށާއި ނަމަވެސް ގަވައިދަށް ބަދަލު ގެނެސް، މިހާރު އޮންނަ ގޮތުން ނަމަ އަތުލައިގަނެވޭ މަސްތުވާތަކެތި އެއް މަސް ދުވަސް ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މަސްތުވާތަކެއްޗަކީ ޒަމާންވީ މައްސަލައަކަށް ވާތީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދުވަސް ނަގާނެ ކަމަށާއި ނަމަވެސް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބުމުގެ އުންމީދު މިހާރު ވަރަށް ބޮޑަށް އާވެފައިވާ ކަމަށެވެ.