ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ފެނާއި ނަރުދަމާގެ ރެކޯޑަކާއެކު އެންމެ ސާފުތާހިރު 3 އަހަރު

"ވޭތުވި ތިން އަހަރަށް ފެށުމުގެ ކުރިންވެސް، އަޅުގަނޑު ދެންނެވި ވާހަކައެއް، މިއަދުވެސް ހަނދާނުގައި އެބަހުރި. އެއީ، ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެންކަން. ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން، އަޅުގަނޑު ފާއިތުކުރި ތިން އަހަރުގެ މައިގަނޑު އެއް އަމާޒަކީ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރާއެކު ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި މި ފަސް އަހަރު ވެގެންދާނެ،" ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުންވެސް ގައުމުގެ އުމްރާނީ ތަރައްގީއަށް މިސަރުކާރުން ދެމުން އަންނަ އަހަންމިއްޔަތު ހާމަވެއެވެ. ފެނިގެންދަނީ އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށް ތަރައްގީ ގެނައުމުގެ ވައުދު ފުއްދަމުން އަންނަ މަންޒަރެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ފެންނަނީ ތަރައްގީގެ އެތައް މަޝްރޫއުތަކެވެ.

ފެނާއި ނަރުދަމާގެ އެތައް މަޝްރޫއުތަކެއް:

ފެނާއި ނަރުދަމާ ނިޒާމަކީ އަސާސީ ހައްގެކެވެ. އެވާހަކައަކީ ރައީސް ސޯލިހު ރިޔާސީ ކެމްޕެއިނުގައި އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅެވެ. އަދި ރައީސްގެ އެއް ރިޔާސީ ވައުދަކީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމެވެ. މި ތިން އަހަރު ފެނިގެން ގޮސްފައިވަނީ އެކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތްތަކެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ޓަކައި މި ސަރުކާރުން ވަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ. ޕްރޮގްރާމްގެ ތެރެއިން ތިން އަހަރު ތެރޭގައި 118 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރެއިން 56 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން 23 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތް ދައްކުވައިދިނުމަށް މި އަދަދުތައް އެކަނިވެސް ފުދެއެވެ. ވޭތުވެދިޔަ ތިން އަހަރަކީ "އެންމެ ސާފުތާހިރު" ތިން އަހަރެވެ.

ބަނދަރުގެ މަޝްރޫއުތައް ބާރަށް ކުރިއަށް:

އުމްރާނީ ތަރައްގީ ގުޅިގެންދާ އެންމެ މުހިންމު އެއް މަޝްރޫއުއަކީ ރަށްރަށުގެ ލަފާ ފުރުމަށް ދިމާވެފައިވާ މައްސަލަތަކަށެވެ. ބަނދަރެއް ނެތުމުގެ ސަބަބުން ލަފާ ފުރުމުގެ ދަތިތައް ކުރިމަތިވެފައިވާ އެތައް ރަށެއް އެބައޮތެވެ. ކުރީން ހަދާފައިވާ ބަނދަރުތައް ހަލާކުވެ، "ކަނޑަށްވުރެ ފަޅު ގަދަ" ބަނދަރުތައް އެބަހުއްޓެވެ. އެތައް އަހަރަކު ސަރުކާރުގައި ސަލާން ޖަހަން ޖެހުނު އެތައް ރަށެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިއަދު މި ސަރުކާރުން މިވަނީ އެރަށްރަށަށް އުންމީދު ގެނެސްދީފައެވެ. ލަފާ ފުރުމަށް ދަތިވެފައިވާ އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދީފައެވެ. އެތައް ރައްޔިތުންނެއް ކުރި އާދޭހަށް އިޖާބަދީފައެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތަރައްގީގެ ހިސާބުތަކަށް ބަލައިލާއިރު، މި ސަރުކާރުން ވަނީ 73 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އޭގެ ތެރެއިން 25 ބަނދަރެއްގެ މަސައްކަތް އެއްކޮށް ވަނީ ނިންމައިފައެވެ. 39 ބަނދަރެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، ނުވަ ރަށެއްގެ ބަނދަރު ހެދުމަށް ވަނީ އެއްބަސްވުން ހަވާލުކޮށްފައެވެ. އަދި އިތުރު 38 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލު ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައްވެސް ގިނަ:

މި ސަރުކާރަކީ އުމްރާނީ ތަރައްގީއާ އެއްވަރަށް ތިމާވެށި ހިމާޔަތް ކުރުމަށްވެސް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ ސަރުކާރެވެ. އެގޮތުން ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތު ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަމުންދާ އެއް ގައުމަކީވެސް ރާއްޖެއެވެ. ސަރުކާރުން މިވަނީ އެކަންކަން ހައްލު ކުރުމަށް "ފޫގަޅައިފަ" އެވެ.

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް މިހާރުވެސް ރާއްޖެއިން ދަނީ ފެންނަމުން. މިދިޔަ މަހު އަޅުގަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހަ ރަށަކަށް ކުރި ދަތުރުތަކުގެ ތެރެއިން އެ ހަ ރަށުންވެސް ރަށް ގިރުމުގެ މައްސަލަތައް ވަނީ ފެނިފައި،" ރައީސް ދާދި ފަހުން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވެއެވެ.

މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ ހަގީގަތް ހާމަވާ އެންމެ މިސާލެކެވެ. މީގެ އެތައް މިސާލެއް ފެންނަން އެބަހުއްޓެވެ. ރަށްތައް ގިރަމުންދާ މައްސަލައަށް ހައްލު ހޯދުމަކީ މި ސަރުކާރުގެ ވަރަށްވެސް ބޮޑު އަމާޒެކެވެ. އަދި މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް މަސައްކަތެވެ.

މި ސަރުކާރުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހު ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ފަށައިފައެވެ. އެގޮތުން 20 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަވާލުކޮށްފައިވާއިރު، ތިން ރަށެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ. 11 ރަށެއްގެ މަސައްކަތް ކުރެވެމުން އަންނައިރު، ހަ ރަށެއްގެ މަސައްކަތް އޮތީ ފެށުމުގެ މަރުހަލާގައެވެ. މީގެ އިތުރުން 37 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. ސަރުކާރުން އަންނަނީ ނަތީޖާ ދައްކަމުންނެވެ.

ރަށްރަށުގެ ތަނަވަސް ޖާގަ އިތުރުކުރުމުގެ މަޝްރޫއުތަކެއް:

ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. ރާއްޖޭގެ ރަށްތަކަކީ ނިސްބަތުން ވަރަށްވެސް ކުދި ތަންތަނެވެ. އެހެންވުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތި ކަމެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

އެކަންކަމަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން މިވަނީ ވޭތުވެދިޔަ ތިން އަހަރު ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައިފައެވެ. އެގޮތުން 17 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ހަތަރު ރަށެއްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ.

މީގެ އިތުރުންވެސް ފަސް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، އިތުރު އަށް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ބިމުގެ ދަތިކަން ދިމާވެ، ކަންބޮޑުވެފައިވާ ރައްޔިތުންނަށް ހައްލު ހޯދައިދިނުމެވެ. އެހެންވެ އިތުރު 13 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުންތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މަގުހެދުމުގެ ބޮޑެތި މަޝްރޫއުތަކެއް:

ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކުގެ މައްސަލަތަކެވެ. ރާއްޖޭގެ ހުރިހާ ރަށަކީވެސް މިހާރު ގިނަ އަދަދެއްގެ ވެހިކަލްތައް ދުއްވާ ރަށްރަށެވެ. އެހެން ނަމަވެސް ވެހިކަލްތައް ދުއްވާން އޮންނަ މަގުތަކަކީ އަޑިގުޑަން ގިނަ، ދުއްވަން އުނދަގޫ މަގުތަކެވެ. އަދި ވިއްސާރަ ދުވަސްވަރެއްގައި ފެން ބޮޑުވެ، ހިނގާބިިނގާވެ އުޅުމަށްވެސް އެތައް ދަތިތަކެއް ކުރިމަތިވާ މަގުތަކެކެވެ. މި ކަމުގެ ސަބަބުން ވެހިކަލަށާއި މީހުންނަށް ވެސް ލިބޭ ގެއްލުންތައް ގިނަ އެވެ. ވެހިކަލްތައް ފުނޑޭއިރު ސައިކަލް އަދި ބައިސިކަލް ފަދަ ވެހިކަލްތައް ދުއްވާ މީހުންގެ މައިބަދަ ވެސް ހުންނަނީ ގުޑައިފަ އެވެ.

އެހެންކަމުން ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއަކީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްތަކެވެ. އެގޮތުން މިހާރުވެސް 21 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެއީ ގާތްގަނޑަކަށް 135 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއުތަކެވެ.

މީގެ އިތުރުން ހަތަރު ރަށެއްގެ މަގު ހެދުމުގެ މަސައްކަތްތައް އެއްކޮށް ވަނީ ނިންމާލައިފައެވެ. އަދި އިތުރު 25 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ހަވާލު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ހުރިހާ މަގެއް ފަހިކޮށް، ރަށްރަށަށް އުމްރާނި ތަރައްގީ ގެނެސްދިނުމެވެ.

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއަކީ މިސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ، މި މަޝްރޫއުގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން ހިމެނެއެވެ. އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެެ ތެރެއިން 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިންގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ މި ސަރުކާރުން ހިންގާ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.

މީގެ އިތުރުންވެސް ކޯޒްވޭ އަކުން ރަށްތަކެއް ގުޅާލުމަކީވެސް މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ހަ ރަށެއް ކޯޒްވޭއަކުން ގުޅާލުމަށް ވަނީ ނިންމައިފައެވެ. ކޯޒްވޭ އަކުން ގުޅާލުމަށް ނިންމާފައިވަނީ ބ. ފެހެންދޫއާއި ބ. ގޮއިދޫ، މ. މުއްޔާއި މ. ނާލާފުށި، ތ. ވޭމަންޑޫއާއި ތ. ކިނބިދޫ، ލ. ކަލައިދޫ އާއި ލ. ދަނބިދޫއާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫގެ އިތުރުން ލ. ހިތަދޫ އާއި ލ. މެންދޫ އެވެ.

ތިލަމާލެ ބްރިޖްވެސް ހަގީގަތަކަށް ވުމުގެ މަގުމަތީގައި

މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ މާލެ އާއި ވިލިނގިއްޔާއި ގުޅިފަޅު އަދި ތިލަފުށި ގުޅައިލުމުގެ މަޝްރޫއެވެ. ބްރިޖަކުން ގުޅައިލުމަށް ނިންމާފައިވާ މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

އިންޑިއާ ސަރުކާރުގެ ސަތޭކަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެވެ. ތިލަމާލެ ބުރިޖަކީ ޖުމުލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

މި ބްރިޖުން ގުޅީފަޅުގައި ހަދާ ބައިނަލްއަގްވާމީ ބަނދަރާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާ ގުޅައިލެވުމުން މި ޕްރޮޖެކްޓް ރާއްޖޭގެ އިގްތިސޯދީ މައި އިންޖީނަށް ވެގެންދާނެއެވެ.

އިންޑިއާ ހައިކޮމިޝަނުން ދާދި ފަހުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓަގެދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖާއެކު/ކޯޒްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މުއްދަތު ކަނޑައަޅައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

"ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ހުއްޓުމެއްނެތި ހިނގާނެ. ހައިސްޕީޑް ފެރީ ނެޓްވޯކްގެ ހަރުފަތްތައް ދާނީ ގިރާކުރަމުން. އަދި ދަތުރުފަތުރުގެ ވިއުގައިގެ އަގު، ރައްޔިތުންނަށް ލާހިކު ކުރުމަށް ޓަކައި އެކަށީގެންވާ ސަބްސިޑީ، ސަރުކާރުން ދެމުންދާނެ. ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް، އެކި މަރުހަލާގައި ހިނގާނެ. އަދި އިއަދަކުރަނިވި ހަކަތައާއެކުއެކީ، ކަރަންޓުގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތް ބާރަށް، ކުރިއަށް އެބަދޭ. މާތް ﷲގެ ވާގިފުޅާއެކު، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ތަރައްގީގެ ކަންކަން، ހުއްޓުމެއްނެތި، މި ސަރުކާރުން ކުރިއަށް ގެންދާނެ." ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ބޯހިޔާވަހި ކަމުގެ މަސައްކަތްތަކާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ފާހަގަކޮށްލަން ޖެހެއެވެ. މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަނި އުމްރާނީ ތަރައްގީގެ އެތަކެއް މަޝްރޫއުތަކެއް ހިންގަމުންނެވެ. މަޝްރޫއުގެ ނަމްބަރުތަކުން އެކަން އެދަނީ ސާބިތުކޮށްދެމުންނެވެ.