ޚަބަރު

މި ސަރުކާރުގެ ތިން އަހަރު ތެރޭ ބޮޑެތި ގިނަ ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފި: އެމްޑީޕީ

ރިފާ ހަލީލު

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފައިވާ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދަންނަވައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ މި ސަރުކާރުގެ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި، ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ނިމުމަކަށް ގެނެސް، ޑިމޮކްރެސީ އާއި ގާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަން ދީ، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމު ކޮށްފައިވާ ކަަމަށެވެ.

ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން އާ ސުޕްރީމް ކޯޓެއް އައްޔަނުކޮށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް ބަދަލުކޮށް އެތަންތަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ސިޔާސީ ހަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަ ދެވި، އެކަންކަން ކަށަވަރުކޮށްދެމުން ގެންދިޔުމާއި ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ އޭރުގައި އޮތް ހުދުމުހުތާރު ވެރިކަން ބަލިކުރައްވައި ވަރަށް ބޮޑު އަގުލަބިއްޔަތަކުންކަން ފާހަގަކުރަމެވެ. އެފަދަ ކާމިޔާބެއް މި ޕާޓީއަށާއި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ މި ޕާޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުން ކަމަށް ދެކެމެވެ. އަދި އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުން ކަމަށް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިޚާހާބުވެ ވަޑައިގެންފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި އަދި މިތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން ގޮސްފައިވާކަން ވެސް އެ ޕާޓީން ވަނީ ފާގަކޮށްފަ އެވެ.

އެމްޑީޕީން އިތުރަށް ބުނީ ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް އެކަމަށް ޓަކައި ޕާޓީގެ ފަރާތުން ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއް މިންވަރަށް ކަންކަން ހާސިލުކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ޕަޓީއަށް އެބައޮތް ކަމަށްވެސް ބުންޏެވެ.