ކުޅިވަރު

ނެދަލޭންޑްސްވެސް ވޯލްޑް ކަޕަށް، ފްރާންސް އަތުން ބަލިވެ ފިންލޭންޑަށް އުންމީދު ގެއްލިއްޖެ

ކޮލިފިކޭޝަން ފަހު މެޗުގައި ނޯވޭ ބަލިކޮށް، ނެދަލޭންޑްސް އިން ގަތަރު ވޯލްޑް ކަޕުން ޖާގަ ޔަގީން ކޮށްފިއެވެ.

ޔޫރޮޕިއަން ވޯލްޑް ކަޕް ކޮލިފިކޭޝަންސް ގްރޫޕް ޖީގައި ނެދަލޭންޑްސް އާއި ނޯވޭ ވެސް ރޭ ކުޅުނު ފަހު މެޗު، ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕުން ނެދަލޭންޑްސް އަށް ފުރުސަތު ގެއްލިފައިވާ އިރު، މިފަހަރު ޔަގީންކަމާއެކު ކޮލިފައިވުން އެއީ ލިބުނު ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.

އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޔޫރޮޕިއަން ޕްލޭ އޮފްއަށް ދިޔައީ ތުރުކީއެވެ. ރޭގެ މެޗުން މޮޅުވެ ނޯވޭއަށް ޕްލޭ އޮފް އަށް ދެވެން އޮތް ނަމަވެސް އެ ފުރުސަތު ނޯވޭއަށް ގެއްލުނީއެވެ. އަދި ރޭގެ މެޗުން ބަލިވި ނަމަ ނެދަލޭންޑްސް އަށް ޔަގީން ފުރުސަތު ގެއްލެންވެސް އޮތެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ޖަހައިދިނީ ޓޮޓެންހަމްގެ ފޯވަޑް ސްޓީވަން ބާގުވިން އާއި ބާސެލޯނާގެ ތަރި މެމްފިސް ޑިޕޭ އެވެ. ބާގުވިން ގޯލު ޖެހީ މެޗުގެ 84 ވަނަ މިނެޓުގައެވެ. ޑިޕޭގެ ދެވަނަ ގޯލު ޖެހުނީ މެޗުގެ ފަހު މިނެޓުގައެވެ. މެޗުގެ ފަހު ކޮޅުގައި ނެދަލޭންޑްސް އިން ދެ ގޯލު ޖެހި ނަމަވެސް ކުޅުން ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ނޯވޭއިން ރަނގަޅު ހަމަލާތަކަކަށް ފުރުސަތު ފަހި ކުރި ނަމަވެސް އެޓީމަށް ފޯވަޑް އާލިން ހާލަންޑް ނެތްތަން ވަރަށް ބޮޑަށް ދެއްކިއެވެ.

ހާލަންޑް މިވަގުތު ހުރީ އަނިޔާގައެވެ. ހާލަންޑު ވަނީ ނެދަލޭންޑްސްއާ ދެކޮޅަށް ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ގޯލު ޖަހައިފައެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ރޭ ފްރާންސުން ކުޅުނު މެޗަށް ނުކުތް އިރުވެސް އެޓީމަށް އޮތީ ވޯލްޑް ކަޕް ޔަގީންވެފައެވެ. ރޭ ފްރާންސާ ދެކޮޅަށް ކުޅުނު މެޗު މުހިއްމުވީ ފިންލޭންޑަށެވެ. ފިންލޭންޑަށް ރޭގެ މެޗުން މޮޅުވެ، ވޯލްޑް ކަޕް ޕްލޭ އޮފް ބުރަށް ދެވެން އޮތެވެ. އެހެން ނަމަވެސް ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވަނީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ.

ފްރާންސަށް ގޯލްތައް ޖަހައިދިނީ އެންމެ ފޯމް ރަނގަޅުކޮށް މި ސީޒަނުގައި ފެންނަމުންދާ ކިލިއަން އެމްބާޕޭ އާއި ކަރިމް ބެންޒެމާ އެވެ.