މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމުން އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަޓައިގެން ދިޔައީ މޮޅެއް ނުލިބިއެވެ. ފުރަތަމަ މެޗުގައި ހަޑި ގޮތަކަށް ލަންކާ ކައިރީ އެއްވަރުވެ، ދެވަނަ މެޗުގައި ބަންގުލަދޭޝް އަތުން ބަލިވެ، މިއަދު ތިންވަނަ މެޗު ނިންމާލީ ސީޝެލްސްއާ އެއްވަރު ވެގެންނެވެ. މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ނުކުތް ރާއްޖެއަށް، ރޭންކިން ދަށް ޓީމުތަކެއް ކައިރީ މޮޅެއް ނުލިބި ނިންމާލަން ޖެހުމަކީ ބޮޑު މާޔޫސް ކަމަކަށްވީ އިރު، ނަތީޖާތަކަށް ކޯޗު ވަނީ ދިވެހިންގެ ކިބައިން މައާފަށް އެދި، ޓީމު ބަދަލުކުރާނެ ކަމަށް ވައުދުވެފައެވެ.
"ނަތީޖާތަކަށް ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ބޭނުން. ޓީމުން ވަރަށް މުހިއްމު ކަންކަން ދަސްކޮށް، ބުރަކޮށް ކުޅެން މަސައްކަތް ކުރި. މެޗުގައި ދިޔަ ދެން ބައިވަރު އެކިއެކި ކަންކަން. ކަންކަން ދަސްކުރާ ކަމަށް މިބުނީ، އާ ކުޅުމެއް، އާ މަސައްކަތެއްގެ ތެރެއިން ކުޅެން ދަސްކުރާ ވާހަކަ. މިހާ ހިސާބުން މުބާރާތް ނިމުނީ. ދެން އޮތީ އަހަންނަށް އެނބުރި ރާއްޖެ ގޮސް، ޓީމަށް ބަދަލުތައް ގެނައުން،" މޮރިއޭރޯ ބުންޏެވެ.
އިޓަލީގެ ކޯޗު މޮރިއޭރޯ ބުނީ ލީގު މެޗުތަކުގެ އިތުރުން ހުރިހާ ދިމާލެއްވެސް ބަލައި، ޓީމު ފްރެޝްކުރަން ތައްޔާރަށް ހުރި ކަމަށެވެ.
"ޓީމުގައި ތިބި ކުޅުންތެރިން ފްރެޝްކޮށް، ބަދަލުކޮށް، ކްލަބުތަކުގެ މެޗުތަކާއި ހުރިހާ ތަނެއްވެސް ބަލާނަން. ދެން އަހަރެންގެ އަމިއްލަ ގައުމީ ޓީމެއް އެކުލަވާލުން އޮންނާނީ. މިއީ އަހަންނަށް ކުޅުންތެރިން ދަސްކޮށް، މަސައްކަތް ކުރަން ލިބުނު ފުރަތަމަ ފެށުން. ކުޅުންތެރިން ވަރަށް ބުރަކޮށް އަހަންނާއެކު ބުރަކޮށް މަސައްކަތް ކުރޭ. ވަގުތު މާ ބޮޑަށް ނެތް ނަމަވެސް މިއީ އަހަންނަށް ގައުމީ ޓީމާއެކު ފެށުމެއް. މި މުބާރާތުން އަހަންނަށް ދަސްވީ ތަފާތު ފުޓުބޯޅައެއް. ގޯސް ފުޓުބޯޅައެއް ނޫން، އެކަމަކު ފިޒިކަލީ ޓަފް ތަފާތު ފުޓުބޯޅައެއް. މިއީ އަހަންނަށް ވަރަށް މުހިއްމު ތަޖުރިބާއެއް. މިއީ ލޯކަލް ފުޓުބޯޅައަށް ލޯ ހުޅުވާލަދިން މުބާރާތެއް،" މޮރިއޭރޯ ޕޯސްޓް މެޗު ޕްރެސްގައި އިތުރަށް ބުންޏެވެ.
މިއަދު ސީޝެލްސް އަތުން ބަލިވެގެން ރާއްޖެ ދިޔައީ ހަޑި ރަތް ކާޑަކާ އެކުގައެވެ. ގޯލެއް ޖަހަން ބޭނުންވެފައި ވަނިކޮށް އަސްހަދު އަލީ (އަޑޭ) ދަނޑަށް ނުކުމެ ރަތް ކާޑު ހޯދީ ސީޝެލްސް ކުޅުންތެރިޔާ މޫނު މަތީގައި ގަސްދުގައި ޖަހައިގެންނެވެ. އަޑޭ ދަނޑަށް ނުކުމެ މިނެޓެއްވެސް ނުވަނީސް އޭނާ ބާލަން ޖެހުމަކީ ލިބުނު ބޮޑު ލަދެކެވެ.
އެ ވަގުތު އަޑޭ ދަނޑަށް ނެރުނު ސަބަބާ ގުޅިގެން ކޯޗު މޮރިއޭރޯ ބުނީ އެއީ ޑިފެންސިވް ބަދަލަކަށް ކުރި ބަދަލެއް ނޫން ކަމަށާއި އެ ގަޑީގައި ބެލީ ޓަފް ކުޅުންތެރިޔަކު ނެރެ އެޓޭކަށް ހިތްވަރު ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް އަޑޭ އަރައި ކަންތައް ކުރި ގޮތް ފެންނާނެ ކަމަށާއި، "ރަތް ކާޑަށް އަދި ޖަޖު ނުކުރާނެ ނަމަވެސް ވާހަކަ ދެއްކުމަށްފަހު،" އެއްޗެއް ބުނާނެ ކަމަށްވެސް ކޯޗު މޮރިއޭރޯ ބުންޏެވެ.
ކޯޗު މިއަދު ފާހަގަކުރީ ޔޫރަޕްގައި ލިބިފައިވާ ތަޖުރިބާގެ ތެރެއިން ރާއްޖެ ގެންނަން ޖެހެނީ އާ ފުޓުބޯޅައެއް ކަމަށާއި، އެކަމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
"ޔޫރަޕްގެ ފުޓުބޯޅައިގެ ތަޖުރިބާ، ރާއްޖޭގައި ބޭނުންކުރަން މި މަސައްކަތް ކުރަނީ. އެކަމަކު އެ ފުޓުބޯޅަ ހުރިގޮތަކަށް މިތާކު ނުކުޅެވޭނެ. އެ ޖެހޭނީ މޮޑިފައިކުރަން. އާ ގޮތެއް ހޯދަން ޖެހޭނެ. ކުރު މުއްދަތަކު އެކަން ކުރަން އުނދަގޫވާނެ. މި މުބާރާތް ވަރަށް އުނދަގޫކޮށް ދިޔައީ. ބޮޑަށް ފެނުނީ ކުޅެފައިވެސް އިންޑިވިޖުއަލް މިސްޓޭކުތަކުން ބަލިވިގެން ދިޔަތަން،" މޮރިއޭރޯ ބުންޏެވެ.
މިފަހަރުގެ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ގައުމީ ޓީމު އެންމެ ދަށްކޮށް ފެނުނު މުބާރާތެވެ. ސާފް ނިންމައި މުބާރާތަށް ދިޔައީ ތަށި ނަގަން ނަމަވެސް ނިމިގެން ދިޔައީ ހިތިކޮށް މޮޅެއްވެސް ނުލިބިއެވެ. މިއީ ފުޓުބޯޅައަށް ފާޑު ކިޔުން ބޮޑުވެ، ބަދަލަކަށް އެތަކެއް ސަޕޯޓަރުންނެއް ޑިމާންޑުކުރާނެ ނަތީޖާތަކެއް ކަމަށް ބެލެވެއެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް