ގާނޫނުއަސާސީގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށް ސައިކަލެއްގެ މަޑިދަށް ބަލައި ފާސްކޮށް ހޯދި މަސްތުވާތަކެއްޗާ ގުޅިގެން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ފުލުހުންގެ ފަރާތުން ހެދުނު އިޖުރާއީ ގޯހުގެ ސަބަބުން 25 އަހަރުގެ ހުކުމަކުން ސަލާމަތްވީ ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހީމް މުހައްމަދެވެ.
އިބްރާހީމްގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުން ވިދާޅުވެފައިވަނީ 2018 ޖެނުއަރީ 22 ވަނަ ދުވަހުގެ 22:45 ހާއިރު، އޭނާ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ.މާލެ، މ.ހާޑްރޮކް ކައިރިއަށް ފުލުހުން ދިޔައިރު އިބްރާހީމް ސައިކަލުގެ ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު ސައިކަލުގެ މަޑީގެ ލޮކް ހުޅުވުމުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސައިކަލުގެ މަޑި ހުޅުވައި ބަލައި ފާސްކުރި ކަމަށެވެ.
އެ ސައިކަލުގެ މަޑި ދަށުން ފެނުނު ސިޓީ އުރައެއްގެ ތެރޭގައި ޓޭޕް އަޅައި ބަންދުކޮށްފައި އޮތް ކަރުދާސްގަނޑެއްގެ ތެރޭގައި ޓޭޕް އަޅައި ބަންދުކޮށްފައި އޮތް އިތުރު ކަރުދާސްގަނޑެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓުގައި 55.2690 ގްރާމް ޑައިމޯފިން ހުރި ކަމަށާއި، ހަމަ އެ ސައިކަލު މަޑި ދަށުގައި އޮތް ޓޭޕް އަޅައި، ބަންދުކޮށްފައި އޮތް ކަރުދާސްގަނޑެއްގެ ތެރޭގައި ޓޭޕް އަޅައި ބަންދުކޮށްފައި އޮތް އިތުރު ކަރުދާސްގަނޑެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓުގައި 28.41223 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ކ.މާލެ، މއ.ޕޫލްވާދީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓް ސިޓިންރޫމުގައި ހުރި އައިސްއަލަމާރީގެ ދަށުގައި އޮތް ޓޭޕް އަޅައި، ބަންދުކޮށްފައި އޮތް ކަރުދާސްގަނޑުގެ ތެރެއިން ފެނުނު ރަބަރު ޕެކެޓުގައި 51.5896 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން ދައްކާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރިކަމުގެ ކުށުގެ ދައުވާ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު އެއް ލައްކަ އާއި ދިހަ މިލިއަން ރުފިޔާގެ ދެމެދު ޖޫރިމަނާގެ އަދަބެކެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިބްރާހީމަށް ކުރާ ދައުވާތައް ސާފުކޮށްދީ، ޖިނާއީ ކުށެއްގެ ދައުވޭ ކުރެވޭ މީހަކަށް ލިބިދޭ ހައްގުތައް ޝަރީއަތުން ވަނީ ސާފުކޮށްދީފައެވެ. އިބްތިދާއީ އަޑުއެހުމުގައި އިބްރާހީމް ބުނީ، ދައުވާއަށް އިންކާރުކުރާ ކަމަށާއި މައްސަލައިގައި ކުރިއަށްދަނީ ވަކީލަކާ އެކުގައި ކަމަށެވެ.
އިބްރާހީމަށް ވަނީ ވަކީލަކު ހޯދުމަށް ދިިހަ ދުވަސް ދީފައެވެ. ދައުވާއަށް އިންކާރުކޮށްފައިވާތީ އިބްރާހީމަށް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފަސް ދުވަސް ވެސް ދީފައެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އިބްރާހީމަށް ދިން ފަސް ދުވަހުގެ މުއްދަތުގައި ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ ފަސް ދުވަހުގެ ފަހުން ހުށަހަޅި ހުށަހެޅުންތައް ގަބޫލުކުރަން ޝަރީއަތުން ވަނީ ދެކޮޅު ހަދައިފައެވެ.
އިބްރާހީމަށް ކުރާ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ ހަތް ފުލުހުން ހުށަހަޅައިފައެވެ. އެ ފުލުހުންގެ ތެރޭގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރި ފުލުހުންނާއި މަސްތުވާތެކެތި ތަހުލީލުކުރި ފުލުހުން ހިމެނެއެވެ. ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް ޝަރީއަތަށް ވަނީ ނަގައިފައެވެ. އިބްރާހިމް ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
އެ މައްސަލަ ބެލުމަށްފަހު މިއަދު ކޯޓުން ހުކުމްކުރީ އިބްރާހީމުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުނުވާ ކަމަށެވެ.
އެގޮތަށް ހުކުމްކުރީ ފުލުހުން އިބްރާހީމް ހުއްޓުވައި އޭނާގެ ސައިކަލުން މަޑިދަށުން ނެގުނު ތެކެތީގެ އިންވެންޓަރީއެއް ދީފައިނުވާތީއާއި، ކޯޓު އަމުރެއްގެ ދަށުން އިބްރާހީމް ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށްފަހު ނެގުނު ތަކެތީގެ އިންވެންޓަރީއެއް ދީފައިނުވާކަން ޝަރީއަތަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮތުމުންނެވެ. އަދި ފުލުހުންގެ ފަރާތުން ބަލައި ފާސްކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއާތްތައް، ފުރިހަމަކޮށްފައިނުވާކަމާއި، ގާނޫނާއި ހިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަންކަމެއް ނޫންކަމާއި، އެގޮތަށް ހޯދާ ހެކި ޝަރީއަތަށް ބަލައިނުގަނެވޭނެކަމާއި، ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލުކަމެއް ކަމަށްވާނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީއެވެ.
ހުކުމުގައި އިތުރަށް ބުނީ، ގާނޫނުގައި އަމަލުކުރުމަށް އޮންނަ އެއްވެސް އިޖުރާއަތެއް ދޫކޮށްލައިފިނަމަ ދައުވާ ލިބޭ ފަރާތަށް ގާނޫނުގައި ލިބިދީފައިވާ ހައްގުތަކުން މަހުރޫމުވާނެކަމާއި، މިއިން ހައްގަކުން މަހުރޫމުކުރުމަކީ އިންސާފުވެރި ހުކުމަކާ ހަމައަށް ވާސިލުވުމަށް ހުރަސްއެޅޭނެ ކަމެއް ކަމާއި، ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމަކަށް ވާނެކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު