ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި މިއަދު ރާއްޖެއިން ކުޅެނު މެޗުގައި ސީޝެލްސް ކައިރީ އެއްވަރުވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.
ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި، 0-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ރަތް ކާޑު ފެނިގެން ދިޔަ އިރު، ރާއްޖޭގެ އަސްހަދު އަލީ (އަޑޭ) އަށް ދެއްކި ރަތް ކާޑަކީ، ސީޝެލްސް ކުޅުންތެރިއެއްގެ މޫނު މަތީގައި ގަސްދުގައި އުޅަނބޮށިން ޖެހުމުން ދެއްކި ރަތް ކާޑެކެވެ.
މިއަދުގެ މެޗަކީ ދެޓީމަށްވެސް ލީގު ބުރުގައި ކުޅެން ލިބުނު އެންމެ ފަހު މެޗެވެ. މެޗަށް ނުކުތް އިރު ޕްރެޝަރު ބޮޑުކޮށް އޮތީ ރާއްޖެއަށެވެ. މެޗުން މޮޅުވުމަކީ ފައިނަލަށް ދާން ރާއްޖެއަށް އޮތް ހަމައެކަނި މަގަށް ވެފައި އޮތް އިރު، ސީޝެލްސްއަށް ޕޮއިންޓަކާ އެކުވެސް ފައިނަލަށް ދެވެން އޮތެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ ކައިރިން ރާއްޖެ 4-4 އިން އެއްވަރުވެފައި އޮތް އިރު، އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންއެވެ. އެ ބައްޔަކީ މިދިޔަ 18 އަހަރު ތެރޭގައިވެސް ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. މާޔޫސީ ދެ މެޗަށްފަހު މިއަދު ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ނުކުތީ މުބާރާތުގެ އޮއިވަރު ބަދަލުކޮށް، ނަތީޖާ ރަނގަޅު ކުރުމަށެވެ.
ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފުރަތަމަ 11 ގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުންކުރީ އެއް ކުޅުންތެރިންތަކެއް ނަމަވެސް، މިއަދު ސީޝެލްސްއާ ދެކޮޅަށް ނުކުންނަ މެޗަށް ކޯޗު ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފާހަގަކޮށްލެވުނު ބަދަލަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗު ބެންޗުން ފެށުމެވެ.
ދަގަނޑޭގެ އިތުރުން މިދިޔަ ދެމެޗުގެ 11 ގައި ހިމެނުނު އަލީ ފާސިރު (ސެންޓޭ)އާއި ހުސައިން ޝިފާއު (ކްރޯ)ވެސް މިއަދުގެ މެޗު ފަށާނީ ބެންޗުންނެވެ. އެ ތިން ކުޅުންތެރިންގެ ބަދަލުގައި މެޗުގެ ފުރަތަމަ 11 އަށް ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ރާއިފް ހަސަން (ހަންނަ)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް)އެވެ. އޭގެ އިތުރުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް މިއަދުގެ މެޗަށް ފުރަތަމަ 11 ގައި ހިމެނިފައި ނުވާ އިރު، އަސަދުﷲ އަބްދުﷲ ވަނީ ފުރަތަމަ 11 ގައި ހިމެނިފައެވެ. ދެވަނަ ހާފަށް ފޭދޫ އިއްބެ މެޗަށް ނުކުމެފައިވެއެވެ.
މެޗުގެ ފުރަތަމަ 11 ގައި އެންމެ ފުރަތަމަ ނާއިޒް ހަސަން (ދާދު) ހިމެނި ނަމަވެސް، ވާމް އަޕްގައި އަނިޔާވެ ދާދުއަށް ފުރަތަމަ 11 އިން ފުރުސަތު ގެއްލުނެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ރާއްޖެއިން ޕާސްތައް ޖަހައި ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް މެޗުގެ ކުޑައިރުކޮޅެއް ކުރިން ވެހުނު ވާރޭއާއެކު ދަނޑު އޮތީ ފެންބޮޑުވެފައެވެ. ވަރަށް ބޮޑަށް ދަނޑު ހަލާކުވެފައި އޮތުމުން ޕާސްތައް ކުރިއަށްވެސް ގޮސްފައި ނުވާ އިރު، ހަމަލާތައް އުފައްދަން އުނދަގޫވިއެވެ. މެޗުގެ ކުރީކޮޅުގައި ދެޓީމަށްވެސް ހަމަލާއެއް އުފެއްދިފައި ނުވެއެވެ. ރާއްޖޭގެ ފުރަތަމަ ހަމަލާ ހާފު ނިމެން ދަނިކޮށް ފެނުނީ ހުސައިން ނިހާން (ނިހާޓް) ގެ ފަރާތުންނެވެ. އަރިމަތިން ހަމްޕު ދެކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ނިހާޓަށް ޖައްސާލުމުން އޭނާ ފުލުފުލުގައި ފޮނުވާލި ދެ ހަމަލާވެސް ސީޝެލްސް ކުޅުންތެރިން ވަނީ ބްލޮކްކޮށްފައެވެ.
ފުރަތަމަ ހާފުގައި ސީޝެލްސްގެ ފަރާތުން ފެނުނީ މޮތޭ ދުރުން ފޮނުވާލި ހަމަލާ އެކަންޏެވެ. އޭނާ ދުރުން ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ގޯލްކީޕަރު ނާޖިހު ފަސޭހަކަމާއެކު ދިފާއުކުރިއެވެ.
ދެވަނަ ހާފަށް ނުކުމެވެސް ދެޓީމަށް އެންމެ ބޮޑަށް ކުރިމަތިވި އުނދަގުލަކީ ދަނޑު ޗަކަ ވެފައި އޮތުމުން ދިމާވި އުނދަގޫތަކެވެ. އުނދަގޫތަކުގެ ތެރެއިންވެސް ރާއްޖެއިން ހާފުގެ ފުރަތަމަ ކޮޅުގައި ހުސް ދެ ފުރުސަތެއް ފަހިކުރިއެވެ. އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ގޯލްކީޕަރު މަތަކުރި އިރު، ރީބައުންސްގައި އަސަދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ.
އޭގެ ފަހުން ސީޝެލްސްގެ ފަރާތުންވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނުތަން ފެނިފައިވާ އިރު، އެޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްވެސް ކުރިއެވެ. އެހެން ނަމަވެސް އެޓީމަށް ރާއްޖޭގެ ގޯލްކީޕަރު ނާޖިހު ޓެސްޓުކޮށްލެވޭނެ ހަމަލާއެއް އުފައްދަން އުނދަގޫތައް ދިމާވިއެވެ. ރާއްޖެއިން ތިން ޕޮއިންޓަށް ކުރަމުން ދިޔަ މަސައްކަތަށް ފަސޭހަވެގެން ދިޔައީ މެޗުގެ 66 ވަނަ މިނެޓުގައި ސީޝެލްސްގެ މާކު މަތިއޮޓަށް ދެއްކި ރަތް ކާޑާއެކުގައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކީ ރާއްޖޭގެ ހައިޝަމް ހަސަން (ބިޑި) އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އޭގެ ފަހުން ރާއްޖެއިން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި ކުޅެން ފަށާފައިވާ އިރު، ހާއްސަކޮށް އަރިމަތިން ޑިފެންޑަރުން ވަރަށް ބޮޑަށް ކުރިއަށް ޖެހިފައިވެއެވެ. ރާއްޖެއިން ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، ސީޝެލްސްގެ ފަރާތުން ވަނީ ގިނަ ފައުލްތަކެއްވެސް ފެނިގެން ގޮސްފައެވެ. މެޗުގެ ފަހު ފަސްވަރަކަށް މިނެޓުގައިވެސް ދަގަނޑޭ ފަދަ ކުޅުންތެރިންނަށް ސީޝެލްސްއިން ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ.
މެޗު ހޫނުވެގެން ފަހު ވަގުތު ގޮސްފައިވާ އިރު، ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) އަށްވެސް މެޗުގައި ރަތް ކާޑު ދެއްކިއެވެ. އަޑުބަރޭ ދަނޑަށް ނުކުތްތާ މިނެޓެއްވެސް ނުވަނީސް އަޑޭއަށް ރަތް ކާޑު ދެއްކީ ގަސްދުގައި އުޅަނބޮށިން ސީޝެލްސްގެ ކުޅުންތެރިޔަކު މޫނު މަތީގައި ޖެހުމުންނެވެ.
މިއަދުގެ ނަތީޖާއާއެކު ސީޝެލްސްއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެޓީމަށް ފައިނަލް ޔަގީންވެފައިވާ އިރު، ދެން ފައިނަލަށް ދާ ޓީމު އެނގޭނީ މިރޭ ލަންކާއާއި ބަންގުލަދޭޝް ކުޅޭ މެޗަށްފަހުއެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް