ޚަބަރު

މަހުމޫދު މަރާލި މައްސަލައިގައި ހައްޔަރުކުރި ސާލިމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުހައްމަދު އިޝާން

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލޮމް މިއާ(ސާލިމް) ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ޝަރީއަތް ނިމެންދެން ސާލިމު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ ކަމަށެވެ. އަދި ބުނީ، މައްސަލައިގެ ތަހުގީގަށް ފުލުހުން މިހާރު ކުރަމުން އަންނަނީ ތަހުގީގު ފުރިހަމަކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި ތަހުގީގު ފުރިހަމަކޮށް އަންނަ ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށްފަހު މަހުމޫދުގެ މަރާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.

މަހުމޫދު މަރާލުމުގައި ސާލިމުގެ އިތުރުން އެހެން މީހެއްގެ ބައިވެރިވުން އޮތްކަމަށް ތަހުގީގަށް ފާހަގަ ވެފައި ނެތް ކަމަށް މިމަހުގެ ފުރަތަމަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.