ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި މިއަދު ރާއްޖެއިން ކުޅެން އޮތް މެޗުގެ ފުރަތަމަ 11 އަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބަދަލުތަކެއް ގެނެސްފިއެވެ.

ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފުރަތަމަ 11 ގައި ކޯޗު މޮރިއޭރޯ ބޭނުން ކުރީ އެއް ކުޅުންތެރިންތަކެއް ނަމަވެސް، މިއަދު ސީޝެލްސްއާ ދެކޮޅަށް ނުކުންނަ މެޗަށް ކޯޗު ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ރާއްޖު ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަދި ގައުމީ ޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗު ބެންޗުން ފެށުމެވެ.

ދަގަނޑޭގެ އިތުރުން މިދިޔަ ދެމެޗުގެ 11 ގައި ހިމެނުނު އަލީ ފާސިރު (ސެންޓޭ)އާއި ހުސައިން ޝިފާއު (ކްރޯ)ވެސް މިއަދުގެ މެޗު ފަށާނީ ބެންޗުންނެވެ. އެ ތިން ކުޅުންތެރިންގެ ބަދަލުގައި މެޗުގެ ފުރަތަމަ 11 އަށް ނުކުންނާނީ ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އެވެ. އޭގެ އިތުރުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް މިއަދުގެ މެޗަށް ފުރަތަމަ 11 ގައި ހިމެނިފައި ނުވާ އިރު، އަސަދުﷲ އަބްދުﷲ ވަނީ ފުރަތަމަ 11 ގައި ހިމެނިފައެވެ.

ދުވެލި ބާރު ދެކުޅުންތެރިންގެ ގޮތުގައި ދާދު އާއި ހަމްޕު ފާހަގަކޮށްލެވޭ އިރު، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ތަފާތު ދެއްކި އެ ދެކުޅުންތެރިންނަށް ފުރަތަމަ 11 އިން ޖާގަ ނުދޭ ސަބަބާ މެދު ބައެއް ސަޕޯޓަރުން މީގެ ކުރިން ވަނީ ސުވާލުވެސް އުފައްދައިފައެވެ. ކޯޗު މޮރިއޭރޯ ޕްރި މެޗު ޕްރެސްގައި އެ ސުވާލަށް ޖަވާބުވެސް ދީފައިވެއެވެ. މޮރިއޭރޯ ބުނީ މުޅި ސްކޮޑުގެ 23 ކުޅުންތެރިންވެސް އަބަދުވެސް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ. ޓީމަކީ 11 ކުޅުންތެރިން އެކަނި ނޫން ކަމަށްވެސް މޮރިއޭރޯ ބުންޏެވެ.

"ހަމްޒާ ނާރުވަނީވެސް، ފުރަތަމަ 11 ނިންމަނީވެސް އަހަރެން. އަހަންނަކީ ކޯޗު. ހަމްޒާ ނާރަނީ އޭނާ އަނިޔާއަކުން ރިކަވާ ވަމުން އަންނާތީ. އަހަރެން އަރުވަން ބޭނުންވަނީ 100 ޕަސެންޓުގައި ތިބި ކުޅުންތެރިން،" ކޯޗު މެޗުގެ ކުރިން މޮރިއޭރޯ ބުންޏެވެ.

ރާއްޖެއިން މިއަދު ނުކުންނަނީ މަޖުބޫރު މެޗަކަށެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅެއް ނުހޯދި ޓީމު އޮތް އިރު، ފައިނަލަށް ދާނަމަ މިއަދު ސީޝެލްސް ބަލިކުރަން ޖެހެއެވެ. ރާއްޖެ އާއި ސީޝެލްސް ވާދަކުރާ މެޗު ފަށާނީ މިއަދު 15:30 ގައެވެ.

  • ސަމޫހު އަލީ (ސަމުއްޓެ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • މުހައްމަދު އުމައިރު
  • އިބްރާހީމް އައިޝަމް
  • އަސަދުﷲ އަބްދުﷲ
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަކްރަމް އަބްދުލްޣަނީ (އަކޫ) / ކެޕްޓަން
  • ހައިޝަން ހަސަން (ބިޑި)
  • އަލީ ނާޖިހު/ ގޯލްކީޕަރު
  • ހަސަން ރާއިފް އަހުމަދު
  • ހުސައިން ނިހާން (ނިހާޓް)