ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އިރާނުގެ ފަސް މީހެއްގެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އެ މައްސަލަ ބެލުމާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ، ކުރިން މި މައްސަލަ ބަލަމުން އައި ގާޒީ އެހެން ކޯޓަކަށް ބަދަލުކޮށްފައިވުމުން، މައްސަލަ އަލުން ބަލަން ނިންމާފައިވާ ކަމަށެވެ. ގާޒީ ޝަފީއު ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދެއްވައިފައެވެ.
އެ ފުރުސަތުގައި ދައުލަތުން ވިދާޅުވީ، މީގެ ކުރިން ބޭއްވީ ވަކީލަކު އައްޔަން ކުރުމަށް ބޭއްވި އަޑުއެހުމަކާއި ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުންތައް ކަމަށެވެ. އަދި މި މައްސަލައިގެ ދައުވާ އިއްވާފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މައްސަލައިގެ ދައުވާ އިއްވާފައި ނުވުމުން، ގާޒީ ޝަފީއު ނިންމެވީ އިބްތިދާއީ މަރުހަލާ ކުރިއަށް ގެންދަވައި މިއަދު ދައުވާ އިއްވުމަށެވެ. އެގޮތުން ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހަކަށް ލިބިދޭ ހައްގުތައް ޝަރީއަތުން ވަނީ ދައުވާ ލިބޭ ފަސް މީހުންނަށް ސާފުކޮށްދީފައެވެ. އެއަށްފަހު ވަނީ ދައުވާ އިއްވުމަށް ދައުލަތަށް އަންގައިފައެވެ. ނަމަވެސް ދައުލަތުން ވަނީ ދައުވާ އިއްވުމަށް ދެކޮޅު ހަދައިފައެވެ. އެއީ ދިފާއީ ވަކީލަށް އަދި ދައުވާ ލިބޭ މީހުނާ ބައްދަލުކުރެވިފައި ނުވާތީއެވެ.
ޖަދުވަލު އެކެއްގައި މަސްތުވާއެއްޗެއް އެތެރެކުރިކަމުގެ ދައުވާ ލިބޭ ފަސް މީހުންނަށް ދައުލަތުގެ ފަރާތުން އައްޔަކޮށްދެއްވި ދިފާއީ ވަކީލު މަޖީދު އަލީ ވިދާޅުވީ، އޭނާއަށް އަދި މުވައްކިލުންނާ އެއްވެސް ވަރަކަށް ބައްދަލު ކުރެވިފައި ނުވާ ކަމަށެވެ. އެއީ ތަރުޖަމާނަކު ހަމަނުޖެހުމުގެ ސަބަބުން ކަމަށާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ފަރާތުން ވެސް ތަރުޖަމާނަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުވައްކިލުންނާ ބައްދަލު ނުވެ ދައުވާ އިއްވައިފިނަމަ ދައުވާއަށް އެކަށީގެންވާ ގޮތަށް ޖަވާބުދާރީ ނުވެވޭނެ ކަމަށާއި ދިފާއުގައި ހުށަހަޅާނެ ހެކިތަކަކީ ކޮބައިކަން ނޭނގޭނެ ކަމަށެވެ.
އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ޝަފީއު ވިދާޅުވީ، ތަރުޖަމާނަކު ހަމަޖެހުމުން އެކަން ކޯޓަށް ދިފާއުން އަންގަންވާނެ ކަމަށާއި، ދައުވާލިބޭ ފަސް މީހުންގެ ބަންދަށް ލުއިދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ފަސް މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރަން އަމުރުކޮށްފައެވެ.
އިންޑިއާގެ ކޯސްޓުގާޑާއި ރާއްޖެ އަދި ސްރީލަންކާ ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ދޯންޏެއް ކަމަށްވާ "އަލްޝަބާބު" ދޯނިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އެހީތެރިވާން ދިޔަ "ހެދޭކުރި" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެއް ވެސް އަތުލައިގަތެވެ. އެއީ ކ. ދިއްފުށީ މަސް ދޯންޏެކެވެ. އަދި އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ބެލުމަށްފަހު ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި އިރާނުގެ ފަސް މީހެއްގެ އިތުރުން ބަންގުލަދޭޝަގެ ދެ މީހެކެވެ.
ދައުވާކުރަން ފޮނުވި ފަސް ދިވެހިން ވަނީ ކޯޓުން ދޫކޮށްލައިފައެވެ. އެ ފަސް މީހުންނަކީ:
- * އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ
- * އަހްމަދު ޝަކީބް (42އ) / މާތިލަ، ކ. ދިއްފުށި
- * މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ، ގަން
- * އާދަމް މިސްބާހް (39އ) / އިރުމަތީގެ، ކ. ދިއްފުށި
- * މުހައްމަދު އިނާޝް (22އ) / ތުނޑި، އިޓްޖެހިގެ، ލ. ގަން
ހައްޔަރުކޮށް އަދި މިހާރު ޖަދުވަލު އެކެއްގައި މަސްތުވާއެއްޗެއް އެތެރެކުރިކަމުގެ ކުށުގެ ދައުވާލިބޭ އިރާން ފަސް މީހުންނަކީ:
- * އީސާ ސުލައިމާން (26އ) / އިރާން
- * އިސްމާއިލް އިބްރާހިމް (50އ) / އިރާން
- * ނަވީން (30އ) / އިރާން
- * ސާޖިދު (50އ) / އިރާން
- * އަލީ ރާޖާ (19އ) / އިރާން
ޚަބަރު
ޚަބަރު
ޚަބަރު