ޚަބަރު

އައްމަޓީި ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލީ އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ ކުރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި ދެވަނަ ފަހަރެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު މީގެ ކުރިން "ވަން" އަށް ވިދާޅުވެފައިވަނީ ކަފާލާތުގެ ދަށުން އައްމަޓީ މިނިވަންކުރަން ނިންމި ނިންމުމުގެ މުޅި މަފްހޫމް ގޯސް ކަމަށެވެ. ޝަމީމު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނާ ހިލާފު ޖަމީނު ވުމެކެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އައްމަޓީ ރާއްޖެއިން ބޭރުގައި ހުއްޓައި ފުލުހަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވެވޭނެކަން އެންގިކަން ސާފުކޮށް އެނގެން އޮތް ކަމަށާއި މިހާލަތުގައި އައްމަޓީ ރާއްޖޭގައި މިހާރު އެހުރީ އޭނާއަށް އެހެން ގޮތެއް ނެތިގެން ނޫންކަމާއި އޭނާގެ އަމިއްލަ އިހުތިޔާރުން އައިސް ހުރިކަން ބަޔާންކޮށްދޭން އޭނާއަށް ޖެހޭނެ ކަމަށެވެ.

އެހެންނޫން ނަމަ، އަނެއްކާވެސް ފުރުސަތެއް ލިބިއްޖެނަމަ، ފިލައި "ރައްކާވެދާނެ" ކަމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އަދި އައްމަޓީއަކީ އިންޓަޕޯލް މެދުވެރިކޮށްވެސް ހާޒިރު ނުކުރެވުނު މީހެއް ކަމަށްވާތީ، މި ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިހުތިޔާރުގެ ބޭނުން ދަށު ކޯޓުގެ ފަނޑިޔާރު ހިފާފައިވަނީ އޭނާ ފިލައި "ރައްކާނުވާނެ"ކަން ކަށަވަރު ކުރެވޭ ގޮތަށްތޯ ބަލަންޖެހޭ ކަމަށްވެސް ހައި ކޯޓުގެ އަމުރުގައިވެއެވެ.

އަމުރުގައި ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އަމުރުކުރުމާއެކު އޭނާގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރެއް ފެންނަން ނެތް ކަމަށެވެ.

ކުރިމިނަލް ކޯޓުން ކުރި އަމުރުގައި ބަޔާންކޮށްފައި އޮތީ އައްމަޓީ ފުރުން މަނާކުރިކަން އެކަނި ކަމަށާއި ފުރުން މަނާކުރުމާއި ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަކީ ދެކަމެއް ކަމަށެވެ. އެހެންކަމުން އައްމަޓީގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ލިޔުމެއް ހިފަހައްޓަން ކޯޓުން ސާފުކޮށް އަމުރު ކުރަންޖެހޭ ކަމަށްވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން އައްމަޓީގެ ޕާސްޕޯޓެއް އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް ސާފު ކުރެވިފައި ނެތް ކަމަށާއި އޭނާގެ ނަމުގައި ކިތައް ޕާސްޕޯޓު އޮތްތޯ އާއި އޭނާ ދަތުރުކުރުމަށް ރަސްމީ އެނޫން އެހެން ލިޔުމެއް ބޭނުންކުރޭތޯ އިމިގުރޭޝަން މެދުވެރިކޮށް ބަލައި ސާފުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އައްމަޓީ ފިލައިގެން ދިއުން ހުއްޓުވުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރެވިފައި ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތް ނިންމި ނިންމުމެއް ކަމަށް ބުރަ ނުވެވޭތީ އެނިންމުން ބާތިލުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އައްމަޓީގެ މައްޗަށް ދައުލަތުން ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ. އެ ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. އައްމަޓީ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.