އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ކަނޑައަޅާފައިވާ މިންވަރުން އެ ކޮމިޝަނުގެ މެންޑޭޓް ފުރިހަމަ ކުރަން ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭނެ ކަމަށް ބުނެފިއެވެ.
އަންނަ އަހަރަށް އެ ކޮމިޝަނަށް ދީފައިވާ ބަޖެޓާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހާމަ ކުރައްވަމުން އެ ކޮމިޝަންގެ ނާއިބު ރައީސް އާސިޔަތު ޝިއުނާ ވިދާޅުވީ، އެ ބަޖެޓުން ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ ކަމަށް ތަފްސީލީ ސިޓީއަކުންވެސް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެންއައިސީ އަށް ބަޖެޓްގައި އަންނަ އަހަރަށް ހިމަނާފައި ވަނީ 13.78 މިލިޔަން ރުފިޔާ އެވެ.
އާސިޔަތު ވިދާޅުވީ، އެ ކޮމިޝަންގެ އޮފީސްގެ ކުއްޔާއި، މުވައްޒިފުންގެ މުސާރައަށް ކެނޑުމަށްފަހު ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ލިބެނީ ބަޖެޓްގެ ފަސްޕަސެންޓް ކަމަށެވެ.
އޭނާ ވިދާޅުވީ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ނަޒާހަތްތެރިކަމުގެ ގައުމީ ސިޔާސަތު ކަނޑައެޅުމާއި، ކޮމިޝަނާ މެދު މީހުން ހޭލުންތެރި ކުރުވުމާއި މުއައްސަސާ ތަކާ ގުޅޭގޮތުން މަހާސިންތާއެއް އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކޮމިޝަންގައި ހިމެނޭ ބައެއް މަގާމުތަކަށް މުވައްޒަފުން ނެގުމަށް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ ތެރެއިން އަންނަ އަހަރު މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ނަމަވެސް އެއަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ކޮށްދީފައި ވަނީ އަށް މަސްދުވަހުގެ މުސާރަ ކަަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އިތުރު ހަތަރު މަހުގެ މުސާރަ ބަޖެޓުގައި ހިމަނައިދިނުމަށްވެސް އާސިޔަތު ބަޖެޓް ކޮމިޓީގައި އެދި ވަޑައިގެންނެވިއެވެ.
އޭނާ ވިދާޅުވީ، އެ މަގާމުތަކަށް މުވައްޒަފުން ނެގުން މުހިއްމު ވަނީ، އެންއައިސީ އަކީ ތަންފީޒީ އިދާރާއަކަށް ވެފައި މައްސަލަތައް ބަލާއިރު ގާނޫނީ ދާއިރާގެ އެއްވެސް މުވައްޒަފަކު ކޮމިޝަންގައި ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
އާސިޔަތު ވިދާޅުވީ، އެ ކޮމިޝަންގައި ލީގަލް ލަފާ ދޭނެ މުވައްޒަފަކުވެސް ނެތް ކަމަށާއި ލީގަލް ސެކްޝަންވެސް ނެތް ކަމަށެވެ. އެ ފަދަ އެެހެނިހެން މިނިވަން މުއައްސަސާ ތަކުގައި ސެކްރެޓަރީ ޖެނެރަލެއް ހުރި ނަމަވެސް، މިވީހާތަނަށް އެ ކޮމިޝަންގައި އެސްޖީއެއް ނެތުމަކީ މުޅި މުއައްސަސާގެ ހިންގުމަށް ޒިންމާވާނެ ފަރާތެއް ނެތުން ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު