ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިނުމުގެ ސަބަބުން ޓެރަރިޒަމްގެ ތިން ދައުވާއެއް ކޮށްފައިވާ މާލެ. ހ.ލައިޓްނައިޓް/ އިސްމާއީލް ޔާސިފުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، ޕީޖީގެ ފަރާތުން އެދުނީ ޔާސިފު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކަމަށެވެ. ނަމަވެސް ޔާސިފުގެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން، ވަގުތީ ގޮތުން މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނުދިނުމަށެވެ.

ޕީޖީ އެދުނު ގޮތަށް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެ ނުދެއްވީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ޔާސިފު ޝަރީއަތް ނިމެންދެން ބަންދުކުރުން ރަނގަޅުވާނެ ކަމަށް ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގާޒީއަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ޕީޖީން ވިދާޅުވި އެވެ.

ޔާސިފުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ތިން ދައުވާއަކީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެ ނަމަ ޔާސިފަށް 10 އަހަރާއި 15 އަހަރުގެ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެ ނަމަ ހަތަރު އަހަރާއި ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެ ނަމަ ތިން އަހަރާއި ފަސް އަހަރަށް ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ ސެފްޓެމްބަރު 21 ވަނަ ދުވަހު ޔާސިފު ހައްޔަރު ކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކުގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް"ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާދުވެސް އޭނާ ދީފައިވެއެވެ.

ޔާސިފު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އުނގޫފާރު ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.

އެފަހުން ކުރިމިނަލް ކޯޓަށް ޔާސިފު ހާޒިރު ކުރުމުން އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ޔާސިފުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ލުމަށް ހުކުމް ކުރާށެވެ. އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުންވެސް ޔާސިފު ބުނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށެވެ.

ޔާސިފަކީ ރ. މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭ މާލޭ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓައެވެ.