ދައުލަތުގެ ބަޖެޓު

10 ރަށެއްގެ އޮފީސް ހުރީ މަސައްކަތް ނުކުރެވޭ ހާލަތުގައި، ބަޖެޓަށް އިތުރު 32 މިލިއަން ބޭނުން: އަފްޝަން

އިބްރާހިމް ޒަކީ

ދިހަ ރަށެއްގެ ކައުންސިލް އޮފީސްތައް ހުރީ މަސައްކަތް ނުކުރެވޭ ހާލަތުގައި ކަމަށާއި، އެކަންކަން ހަމަޖެއްސުމަށާއި، ބައެއް މުވައްޒަފުން ނެގުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް އިތުރު 32.2 މިލިޔަން ރުފިޔާ ހިމަނަން ޖެހޭ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިއަދުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް ގާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމް ކޮށްފައިވާއިރު އެކަމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ ސަބަބުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެކަން ކުރެވޭނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

އެކަން ކުރެވޭނެ ގޮތަކީ، އަތޮޅުގެ ހުރިހާ ރަށްރަށަށް އެހީތެރި ވެވޭ ގޮތަށް ކޮންމެ އަތޮޅު ކައުންސިލެއްގައި ސިވިލް އިންޖިނިއަރަކު ހުރުން ކަމަށެވެ. ނަމަވެސް އެކަމަށް ދުވަސް ނަގާނެ ކަން ފާހަގަ ކުރައްވައި އަފްޝަން ވިދާޅުވީ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް އެހީވުމަށް ސިވިލް އިންޖިނިއަރާއެކު އެކަމާބެހޭ ކަންތައްތައް ކުރުމަށް ހަތަރު މުވައްޒަފުން ނެގުމަށް ބަޖެޓަށް 2.2 މިލިޔަން އިތުރު ކޮށްދެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ.

އޭގެ އިތުރުން 23 ރަށެއްގެ ކައުންސިލް އޮފީސްތަކުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާފައިވާއިރު ބަޖެޓުގައި ފައިސާ ހިމަނާފައި ވަނީ އެންމެ ރަށަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ރަށްރަށުގެ ތެރެއިން ދިހަވަރަކަށް ރަށުގެ އޮފީސްތަކަކީ އެއްވެސް ވަރަކަށް މަސައްކަތް ނުކުރެވޭ ހާލަތުގައި ހުރި ތަންތަން ކަމުން އެކަމަށް ޓަކައި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން 30 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކޮށްދެއްވުމަށް ހުށަހަޅުއްވާ ކަމަށްވެސް އަފްޝަން ވިދާޅުވިއެެވެ.

އޭގެ އިތުރުންވެސް ކައުންސިލްތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް އަފްޝަން ވަނީ ބަޖެޓް ކޮމިޓީގެ ސަމާލުކަމަށް ގެންނަވައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެލްޖީއޭއަށް ކަނޑައަޅާފައި ވަނީ 57.7 މިލިޔަން ރުފިޔާ އެވެ.