ކައުންސިލްތަކަށް ބަޖެޓު އިތުރުކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ރާއްޖެއަށް ގެނަސްފައިވާ ލާމަރުކަޒީ ނިޒާމު ހިންގުމަށް ދަތިވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ، އޭނާއަކީ ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ އެމްޑީޕީގެ މެންބަރަކަށްވިޔަސް އޭނާ އެތަނަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ބަޖެޓަށް ވާހަކަ ދައްކާނީ ރައްޔިތުންގެ ވިސްނުމުން ކަމަށާއި ހުރިހާ ކަމެއް ބަލަންޖެހޭނީ ސަރުކާރުގެ ލޮލުން ނޫނީ ސަރުކާރުގެ ވިސްނުމުން ނުވަތަ ވަޒީރު ބޭފުުންގެ ނަޒަރިއްޔާތުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ، މިހާރު އޮތް އެމްޑީޕީގެ ސަރުކާރު އުފެދުނު މައިގަނޑު ސިޔާސަތުގެ ތެރެއިން އެއް ސިޔާސަތަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމަ ކުރުމަށެވެ.
އެގޮތުން މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ކައުންސިލްތަކުގައި ތިބީ، ތިން ކައުންސިލަރުން ކަމަށާއި ސެކްރެޓަރީ ޖެނެރަލައަކު ނުހުންނަ ކަމަށް ވިދާޅުވިއެވެ. އޭރު އަތޮޅު ކައުންސިލުތައް އުފެދިފައިވާ ގޮތް ތަފާތު ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މަދު ރަށެއްގައި ނޫނީ ނެތް ކަމަށާއި އެމީހުންނަށް އުޖޫރައެއް ކަނޑައެޅިގައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލުތަކަށް ހާއްސަކުރަންޖެހޭނެ ކަމަށް ހިމަނާފައިވާ އިރު، ހުރިހާ ކައުންސިލަކުންހެން އެ ކަމާމެދު ޝަކުވާ ކުރަމުންދާ ކަމަށް ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލަރުންގެ އަދަދު އިތުރުކޮށް، އެ ފަރާތްތަކުގެ މުސާރަ ބޮޑުކޮށް ސެކްރެޓަރީ ޖެނެރަލަށް ކައުންސިލުތަކަށް ކަނޑައަޅައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އުޖޫރަ ކަނޑައަޅާފައިވާ އިރު، ބަޖެޓުން ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފަސް ޕަސެންޓުން ލިބޭ ދޮޅު ބިލިއަނެއްހާ ރުފިޔާއިން ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުވެސް ދެކޮޅު ނުޖެހޭ ކަމަށެވެ.