އޮންލައިން މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޭނުމުގައި ތައްޔާރުކުރާ ސޮފްޓުވެއާ އަށް ބަޖެޓު އިތުރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އެދިއްޖެއެވެ.

ރޭ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރު ވިދާޅުވީ، މީޑިއާ ކައުންސިލަށް ދޭން ކަނޑައަޅާފައިވާ 5.1 މިލިއަން ރުފިޔާގެ ބަޖެޓަކީ އެކަށީގެން ވާ ބަޖެޓެއް ނޫން ކަމަށެވެ. އެއީ އެ ބަޖެޓު ތެރެއިން ނޫސްވެރިން ތަމްރީނުކޮށް، މީޑިއާ ކައުންސިލަށް ބޭނުންވާ އިތުރު މުވައްޒަފުން ނަގައި މިނިމަމް ވޭޖުން ކަނޑައަޅާފައިވާ މުސާރަ ނުދެވޭނެތީ އާއި މީޑިއާތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް އެކަށީގެންވާ ވަރަށް ނުވާނެތީ ކަމަށް ޑރ. ސަމީރު ވިދާޅުވިއެވެ.

ޑރ. ސަމީރު ވަނީ މިހާރު އޮތް 5.1 މިލިއަން ބަޖެޓަށް އިތުރު 2.5 ރުފިޔާ އިތުރުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، މިނިމަމްވޭޖުގެ ސަބަބުން އާ މުވައްޒަފުން ނެގުމުގެ ސަބަބުން ހަމައެކަނި މުސާރައަށް 397.997 ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީޑިއާ ކައުންސިލްގެ އޮނިގަނޑު އޮންނަ ގޮތުންނާއި މީޑިއާތައް ރެގިއުލޭޓް ކުރުމަށް ބޭނުންވާ މެކޭނިޒަމް ހެދުމަށް 450،463 ރުފިޔާ ބޭނުންވާ ކަމަށާއި ނޫސްވެރިން ތަމްރީނު ކުރުމަށް 300،000 ރުފިޔާ ބޭނުންވާ ކަމަށެވެ. ނޫސްވެރިން ތަމްރީނު ކުރުމަށާއި އަތޮޅުތެރެއަށް ކުރާ ދަތުރުތަކަށް 1.4 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ޑރ. ސަމީރު ވިދާޅުވިއެވެ.

އޭނާގެ ވާހަކަތައް ނިމުމުން ބަޖެޓު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ސުވާލުކުރައްވައި ވަނީ، މީޑިއާ ކައުންސިލުން ކުރާ މަސައްކަތްތައް ކިޔައިދިނުމަށް އެދިވަޑައިގެންފައެވެ. މީޑިއާ ކައުސިލުގައި މީޑިއާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ތިއްބަވާއިރު މަސްލަހަތު ފުށު ނާރާތޯ އާއި އެކަން އެނޫން ގޮތަކަށް ބަދަލުކުރުމަށް ވިސްނަމުންދޭތޯ ވެސް އެއްސެވިއެވެ. ބޮންޑެ އިތުރަށް އެއްސެވީ ނޫސްތަކުގައި ފިތުނަ އުފެދޭ ގޮތަށް ހަބަރު ޝާއިއު ކުރާ ކަމަށާއި، އެކަންތައް ރަނގަޅަށް ބަލަމުންދޭތޯ ވެސް އެއްސެވިއެވެ.

ބޮންޑެ ގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، ނޫސްތަކުން ފިތުނަ އުފެދޭ ގޮތަށް ހަބަރު ޝާއިއުކުރާ ކަމުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާ ކަމަށާއި، އެފަދަ މައްސަލަތައް ބަލާފައިވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ މަސްލަހަތު ހިމެނޭ މައްސަލަތައް ބެލުމުގައި އެ މަސްލަހަތު ހިމެނޭ މެންބަރަކު ބައިވެރި ނުވާނެ ކަމަށާއި، ނޫސްތައް އެންމެ ރަނގަޅަށް ރެގިއުލޭޓް ނުކުރެވެނީ ބަޖެޓު ނެތުމުގެ ސަބަބުން ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، ބަޖެޓު ނެތިގެން ނޫސްވެރިން ތަމްރީނު ނުވެގެން ނޫސްވެރިންނަށް ކުރަން ނޭނގޭ ކަމަކީ ތެދު ހަބަރު ފެތުރުން ކަމަށާއި، އެކަމަކު "ނެގެޓިވް" ހަބަރު ފަތުރަން އެނގޭ ކަމަށެވެ. ޔައުގޫބުގެ ވާހަކަތަކާ ގުޅިގެން ޝަހުބާން ވިދާޅުވީ، ނޫސްވެރިން ތަމްރީނުކޮށް ނޫސްތައް ރެގިއުލޭޓް ކުރެވެން ފެށުމުން އެފަދަ ކަންތައް މަދުވާނެ ކަމަށެވެ.