ރިޕޯޓް

މަރުވެ ކުނިވެފައިވާ ހަށިގަނޑެއް މާލެއިން ފެނުން: ނުފެނިގެން ހޯދާތާ ހަތަރު ދުވަސް! އަނެއްކާވެސް މަސްތުގެ ޝިކާރައެއް؟

އަލީ ޔާމިން

"މިއަދު މެންދުރުން ފެށިގެން ވަރަށް ބޮޑަށް ކުނިވަސް ދުވާ. މުޅި އާފަލުގެ ކައިރީ ސަރަހައްދުން ވެސް ދުވަނީ ކުނިވަސް. އެއިރަކު އެއްވެސް މީހަކު ހިއެއް ނުކުރޭ މިއީ މީހަކު މަރުވެގެން ކުނިވަސް ދުވަނީއެކޭ." މިިއީ މއ. އާފަލުގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮތް މުހައްމަދު މުޖުތަބާ (37 އަހަރު)ގެ އަވަށްޓެރިއެއްގެ ބަހެވެ.

މުޖުތަބާ އަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. މަސްތުވުމަށް ފައިސާ ހޯދުމަށް، އެކި ކަހަލަ ވައްކަން ކޮށް އުޅުނެވެ. ފުލުހުންގެ ތެރެއިން "ވަން" އިން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި، މުޖުތަބާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އަދި އޭނާއާ ބެހޭ ޝަކުވާތައް، ވަރަށް ގިނައިން ފުލުހަށް ލިބެއެވެ. ފުލުހުންގެ ފަރާތުން އެނގުނު ގޮތުގައި މުޖުތަބާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ޖަލު ހުކުމެއްވެސް ތަންފީޒު ކޮށްފައެވެ. މުޖުތަބާ މަރުވެފައި އޮއްވައި ފެނިފައިވާއިރު އޭނާ ވަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި މިފަހުން ފަރުވާ ފުރިހަމަކޮށްފައެވެ. އެކަން އޭނާގެ އެއްބަނޑުއެއްބަފާ ބޭބެވެސް ވަނީ ވަން އަށް ކަށަވަރުކޮ ށްދީފައެވެ.

"އަހަންނާއެކު 16 ދުވަސް ވަންދެން ގުޅީފަޅުގައި ހުރެފަ މާލެ އައީ. އަދި ވާނީ ތިން ވަރަކަށް ދުވަސް. މާލެ ދާން އުޅުނީމަ އަހަރެން ބުނިން ނުދާށޭ، ވަރަށް ބުނިން ނުދާށޭ. އެއީ އަނެއްކާވެސް މަސްތުވާތި ބޭނުން ކުރަން އޭނައަށް ފެށޭނެ ކަން އެނގޭތީ. މާލެ އައިސް ހަބަރެއް ނުވާތީ، މަންމަ ވަރަށް ގުޅާނެ ދޭތެރެއަކުން، ކޮއްކޮގެ ހަބަރެއް ނުވެއޭ ފޯނަކަށް ނުގުޅެއޭ ކިޔާފަ. އަހަރެންވެސް ދެތިން ރައްޓެއްސަކަށް ގުޅައިގެން ބެލިން. އެމީހުންވެސް ބުނީ ނޭނގެއޭ ވީތަނެއް" މުޖުތަބާގެ ބޭބެ "ވަން" އަށް ބުންޏެވެ.

މުުޖުތަބާ މަރުވެފައި އޮއްވައި ފުރަތަމަ ފެނުނީ، އޭނާގެ ރައްޓެއްސަކަށެވެ. އެއީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މުޖުތަބާގެ ކުނިވެފައިވާ ހަށިގަނޑު ފެނުމުން އެމީހާ ނުކުމެ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެޓެންޑް ވެފައިވަނީ މިއަދު 3:42 އެހާކަންހާއިރުއެވެ. މުޖުތަބާގެ ހަށިގަނޑު އޮތް ގެ، އާފަލުގެ ހުރީ މަރާމާތަށް ބަންދު ކޮށްފައެވެ. ގޭގެ މައި ދޮރުގައިވެސް ހުރީ ޗެންޗޭނު ޖަހާފައެވެ. ފުލުހުން އެގެއަށް ވަނީ، ގޭގެ ދޮރު ހަލާކުކޮށްލައިގެންނެވެ.

މުޖުތަބާގެ ހަށިގަނޑު އޮތީ، އެގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައެވެ. މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި މުޖުތަބާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. މީހާ އޮތީ ވަރަށް ބޮޑަށް ފުފި، ދިޔަލައިފައެވެ. ކޮޓަރި ތެރޭގައި ކޮންމެވެސް ވަރަކަށް ލޭ ވެސް ހުއްޓެވެ.

"ކޮޓަރީގެ އެއް ކަނަކަށް ކަނާއަތް ފަރާތަށް ވެއްޓިފައި އޮތީ، މުޅި މީހާ އޮތީ ވަރަށް ބޮޑަށް ފުފި، ހަންގަނޑުވެސް ހުރީ ކަޅު ކުލައިގަ. ގައިން ފައިބާފަ ހުރި ދިޔަތައް ކޮޓަރި ތެރޭގައި ވަރަށް ގިނައިން ހުރި، މޫނުވެސް އޮތީ ފުފިގެން ފަޅައިގެން ގޮސް ކާކުކަން ވަކި ނުވާވަރުވެފަ." މަރުވިއިރު، ކަޅާއި ރަތްކުލައިގެ ފަތްތަކެއް ޖެހި އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެން އޮތް މުޖުތަބާގެ ހަށިގަނޑު އޮތް ގޮތް ސިފަކޮށްދެމުން މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

މުޖުތަބާގެ ހަށިގަނޑު ކުނިވެފައި އޮތްލެއް ބޮޑުކަމުން އޭނާގެ ހަށިގަނޑު ތިރިއަށް ގެންނަން ޖެހުނީ އެތައް އިރެއްގެ މަސައްކަތުން ސިފައިންގެ އެހީތެރިކަމާ އެކުގައެވެ. މުޖުތަބާގެ ހަށިގަނޑު އާފަލުގެއިން ނެރުނު އިރު އޮތީ ކަޅު ކުލައިގެ ބޮޑީބޭގަކަށް ލައި ވަރަށް ބޮޑަށް ނިވާ ކޮށްފައެވެ.

މުޖުތަބާއަކީ، މަސްތުވާތަކެތީގެ ގިނަ ބާވަތްތައް ބޭނުންކުރާ މީހެކެވެ. މުޖުތަބާގެ އަވަށްޓެރިންނާއި އޭނާގެ ބައެއް ރަށްޓެހިން ބުނާ ގޮތުން ނަމަ މުޖުތަބާ މަރުވެފައި ވަނީ ވެސް އޯވަޑޯޒްވެގެން ކަމަށް ބެލެވެއެވެ. އާއިލާއިން ވާހަކަ ދެއްކި މީހުންގެ ރާގަކީވެސް އެއީއެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

"ހިއެއް ނުވޭ މަރާލީ ކަމަކަށް. ބޮޑަށް ބެލެވޭ ގޮތުގައި އޯވަޑޯޒްވެގެން މަރުވެފައި އެ އޮތީ. އެހާ ދުވަހު ފަރުވާގައި ހުރެފައި އައިސް އިންޖެކްޓް (އިންޖެކްޝަން ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުން) ކުރީމަ އޯވަޑޯޒް ވެދާނެ ދޯ. ހުރިހާ މަސްތެއްވާ މީހެއް މުޖުތަބާއަކީ." މުޖުތަބާގެ ރައްޓެއްސަކު ކިޔައިދިނެވެ.

މުޖުތަބާއަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ. މުޖުތަބާ ދަންނަ ބައެއް މީހުން ކިޔައިދިން ގޮތުގައި މުޖުތަބާއަކީ މީގެ ކުރިން ބައެއް ތަންތަނުގައި ވަޒީފާ އަދާކޮށްފައިވާ މީހެކެވެ. އަދި އޭނާ މަސްތުވާތަކެތީގެ އަވައިގައި ޖެހުނު ފަހުން އާއިލާގެ އެހެން މީހުންނާ އޮންނަ ގުޅުން ކުޑަ ކަމަށާއި އަތުގައި ފައިސާ ނެތް ނަމަ މުޖުތަބާ އާންމުކޮށް ނިދައި އުޅެނީ އޭނާ މަރުވެފައި އޮއްވާ ފެނުނު ކޮޓަރީގައި ކަމަށް އެމީހުން ކިޔައިދިނެވެ.

މުޖުތަބާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން، ތަހުލީލީ މަރުހަލާ ފުރިހަމަކުރުމަށް ގެންގޮސްފައިވާއިރު، މުޖުތަބާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.