ޔާމީން ރަޝީދާއި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލަ ހިމެނޭގޮތުން ބޮޑެތި ކުށްތަކާބެހޭ މައްސަލަތަކުގައި ހިމެނޭ ސިއްރު ހެކިންގެ މައުލޫމާތު ލީކުވާ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު މިހެން ވިދާޅުވީ މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޕީޖީ ޝަމީމު ވިދާޅުވީ އެފަދަ ސިއްރު ހެކިންގެ މައުލޫމާތު ލީކުވުމަކީ އެބޭފުޅުންގެ މަސައްކަތަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ މައްސަލައެއް ކަމަށެވެ.
ޝަމީމު ވިދާޅުވީ، ޔާމީން ރަޝީދުގެ މައްސަލައިގެ އިތުރުން އެހެން ބައެއް މައްސަލަތަކުގައިވެސް ސިއްރު ހެކިންގެ މައުލޫމާތު ލީކުވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ޔާމީން ރަޝީދު މައްސަލައިގައި، ހަމައެކަނި އެ މައްސަލައެއް ނޫން، ބައެއް އެހެން މައްސަލަތަކުގައިވެސް ސިއްރު ހެކިންގެ މައުލޫމާތު ލީކުވާ ކަމަށް ނުވަތަ އާންމުންގެ ތެރެއަށް ނުކުމެގެން ދާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ. މި މައްސަލައިގައި ވެސް ނުވަތަ މި މައްސަލައާ އަދި ދެތިން މައްސަލައެއްގައި ވެސް މިދޭތެރެއަކުން އެކަހަލަ މައުލޫމާތެއް ލިބިގެން އެކަން ސާފުކުރަން ފުލުހުންނަށް ދަންނަވާފައި ވާނީ،" ޕީޖީ ވިދާޅުވިއެެވެ.
ޕީޖީ މިހެން ވިދާޅުވި އިރު، 2017 ވަނަ އަހަރު މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅޭ ސިއްރު ދެ ހެކިވެރިއެއްގެ ޒާތީ މައުލޫމާތާއި، އެ ފަރާތްތައް ޝަރީއަތުގައި ދައްކާފައިވާ ބައެއް ވާހަކަތައް ހިމެނޭ ކަމަށްބުނާ ޕޯސްޓުތަކެއް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު