ޚަބަރު

ދިވެހިރާއްޖޭގެ ފޮރިން ސާވިސް ބިލު ތަސްދީގު ކޮށްފި

އައިޝަތު ނިއުޝާ

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު (ގާނޫނު ނަންބަރު: 20/2021) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މިއަދު ތަސްދީގު ކުރެއްވި މި ބިލަކީ، މިދިޔަ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި، އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

ރައީސް އޮފީހުން ބުނީ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރާނެ ކަމަށެވެ. އަދި، ފޮރިން ސާވިސް އެކުލެވިގެންވަނީ، މިނިސްޓްރީ އާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މި ގާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެ މަތީން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރު ކަމަށެވެ. އަދި ގާނޫނުގައި ވާގޮތުން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށް ޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެ ކަމަށެވެ. ފޮރިން ސެކްރެޓަރީއަކީ ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސާވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސާވިސްގެ މަގާމުތަކުގައި ވަޒީފާ އަދާ ކުރާ ފޮރިން ސާވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންކަމުގައި މި ގާނޫނުގައި ވާނެ ކަމަށެވެ. އެގޮތުން ފޮރިން ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސާވިސް އެކުލަވާލަންވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ފޮރިން ސާވިސް ބެހިގެންވަނީ އެގްޒެކެޓިވް ސާވިސް ސްޓާފުން؛ އަދި ޖެނެރަލް ސާވިސް ސްޓާފުންގެ މަގާމުތަކުގެ މައްޗަށް ކަމުގައި ގާނޫނުގައި ވާނެ ކަމަށެވެ.

އޭގެ އިތުރުން ވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ގާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދާ އިންސްޓިޓިއުޓަކަށް ބަދަލުވާނެ ކަމަށެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ކަމަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެން ކަމަށެވެ.