ކުޑަކުދިންގެ ހިޔާއާ ގުޅޭ ގިނަ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށާއި އެ ހުރިހާ މައްސަލައެއްވެސް ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ އޭޕްރިލް މަހުގެ 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި އެކި ކަހަލަ އަނިޔާތައް ކޮށް، ޓޯޗާގެ އަމަލު ހިންގި މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގައި 13 ފުލުހަކަށް ދައުވާ ކުރުމަށްވެސް ވަނީ ފޮނުވާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޓޯޗާގެ މައްސަލައިގެ އިތުރުންވެސް ކުޑަކުދިންގެ ހިޔާ އާއި ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށެވެ.
ޝަމީމް ވިދާޅުވީ އެ ހުރިހާ މައްސަލައެއްވެސް ކޮންމެވެސް އެއްކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރައްވާނެ ކަމަށާއި މިއީ ވަރަށް ސީރިއަސް ކަންކަން ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މިފަދަ މައްސަލަތައް ކޮންމެވެސް އެއްކޮޅެއްގަ ޖައްސަން މަސައްކަތް ކުރާނަން. މިއީ އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތެއް. މިއީ ހަގީގަތުގަ ވަރަށް ސީރިއަސް މައްސަލަތަކެއް. ބިޑި އެޅުވި މައްސަލައިގައި ދައުވާ ކުރަން ފޮނުވީވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކޮށްފަ ރިޕޯޓު ހުށަހެޅީމަ. ކަނޑުމަތީގަ ތިބި ކުދިންގެ ރައްކާތެރިކަމަށް އަޅުވަންޖެހޭނީކީ ބިޑިއެއް ނޫން. ލައިފް ޖެކެޓް އަޅުވަން ޖެހޭނީ. ވަރަށް ދެރަ ކަމެއް މިއީ ފުލުހުންގެ މައްޗަށް ދައުވާ ކުރުން މިއީ. އަޅުގަނޑުވެސް މާ ހިތްހަމަ ޖެހޭ ކަމެއް ނޫން އަދި އުފާވާ ކަމެއްވެސް ނޫން. އެކަމަކުވެސް ކުރަން ޖެހޭ ކަމެއް." އޭނާ ވިދާޅުވި އެވެ.
މިފަދަ ކަންކަމަކީ ގާނޫނާ ހިލާފު ކަންކަން ކަމަށާއި އެންމެނަށްވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަން އެނގެން ޖެހޭ ކަމަށާއި އަދި ގާނޫނާ ހިލާފު ވެގެން އަދަބުން ރެކިގެން ނުދެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެއީ ގާނޫނު ހިންގަން ތިބި މީހުން ކަމުގައި ވީނަމަވެސް ފުލުހުން ކަމުގައި ވީ ނަމަވެސް އަދި އާންމު ރައްޔިތުން ވީ ކަމުގައިވީ ނަމަވެސް އިންސާފު ގާއިމު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންތަކަކަށް ދައުވާ ކުރަން ފޮނުވުމުން ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކުޑަކުދީންގެ ހިޔާގައި ތިބި ކުދިން ހިޔާގެ ކުދިން ގެންދިޔަ ކޭމްޕުގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ކޭމްޕުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ގާނޫނާ ގަވައިދުތަކުގެ ތެރެއިން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު