ޚަބަރު

ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާ މަރުވި މައްސަލަ ފުލުހުން ބަލަނީ

ރިފާ ހަލީލު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖަކު މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އޭއީއެޗްގައި މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފަ އެވެ. މި ތުހުމަތު ތަކާ ގުޅިގެން އެ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާ މަރުވީ ކޮނޑު ތާށިވެގެން ކަމަށެވެ.

މިއީ މަދުން ނަމަވެސް ދިމާވާ ކަމެއް ކަމަށާއި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެ ހޮސްޕިޓަލުން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވި ކަމަށްވެސް ބުންޏެވެ.

އެހެން ނަމަވެސް އެ ހޮސްޕިޓަލުގައި ހިނގާ މިފަދަ ކަންކަމަކީ ފުރިހަމައަށް ތަހުގީގު ކުރާ ކަންކަން ކަމަށާއި މި މައްސަލަވެސް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުއްޖަކު މަރުވި މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުން އެއްވެސް މުވައްޒަފަކަށް އެއްވެސް ފިޔަވަޅެއް އެޅިތޯ ބެލުމަށް "ވަން" އިން ތަކުރާރުކޮށް ގުޅުމުންވެސް އެ ހޮސްޕިޓަލުގެ މެނޭޖަރާއި މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގެ ތަފުސީލު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.