ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުން މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި ސަޕޯޓަރުންގެ ހިތްވަރެވެ. ރާއްޖެއިން މިހާތަނަށް ކުޅުނު ދެމެޗުން މޮޅެއް ނުލިބި އޮތް ނަމަވެސް ލަންކާގައި ތިބި ދިވެހި ސަޕޯޓަރުން ދައްކަމުން އަންނަނީ އާދަޔާ ހިލާފު ހިތްވަރެކެވެ. ރަތް ކުލައިގައި، ގައުމީ ޖާޒީގައި ދަނޑަށް ވަދެ ދަނޑުގައި އަންނަނީ ދިވެހި ޓީމަށް ސަޕޯޓުގެ އަޑު ގުގުމަމުންނެވެ. ލަންކާއިން ހޯމްގައި މުބާރާތް ކުޅުނު ނަމަވެސް، ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައިވެސް ފެނުނީ ހަމަ ދިވެހީންގެ ސަޕޯޓެވެ.

"އަހަރެމެން އެބަ ޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް ގައުމީ ޓީމަށް ސަޕޯޓްކުރަން. ކާމިޔާބު ހޯދާ ނަމަ އަހަރެމެންގެ މިހާރު މި އޮތް ފުޓްބޯޅަ ފޯރިއާ ދުރު ސަގާފަތް ބަދަލުކުރަން ޖެހޭ. ސްރީ ލަންކާގެ އަމިއްލަ ފަސް ގަނޑުގައި 30 ނޫނީ 40 ވަރަކަށް ދިވެހި ސަޕޯޓަރުންގެ އަޑު 1000 އަށް ވުރެ ގިނަ ލަންކާ ސަޕޯޓަރުންނަށް ވުރެ ގަދަ. މިއީ އަހަރެމެން ޖަވާބު ހޯދަން ޖެހޭ ސުވާލެއް. ލަންކާ ޓީމަށް ސަޕޯޓް ދޭން ޖެހޭނެ،" ރާއްޖެއިން ފުރަތަމަ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ފޯކަސް ކޮށް، އެގައުމުގެ ކޯޗު އާމިރް އަލަގިޗް ބުންޏެވެ.

ކުރިއާލައި ދިވެހި ޓީމަށް ސަޕޯޓު ދިނުމަށް ލަންކާގައި ދިރިއުޅޭ ދިވެހީން ވަނީ ހާއްސަ އެތައް ހަރަކާތެއް ހިންގާފައެވެ. ލަވައެއް ރިލީސް ކޮށް، ޖަގަހަ ތައްޔާރު ކޮށް، ދިވެހީން ވަނީ ފޯރިއާއެކު ތައްޔާރު ވެފައެވެ. އެންމެ ބޮޑަށް މާޔޫސް ވީ ޓިކެޓުގެ އަގު ބޮޑުކަމުންނެވެ. ފުރަތަމަ މެޗުގެ ޓިކެޓު ލަންކާ އެފްއޭއިން ފުރަތަމަ ވިއްކަން ޖެހީ 5000 ލަންކާ ރުޕީސްއަށެވެ. 3000 ރުޕީސްއަށް އެޓިކެޓުގެ އަގު ކުޑަކޮށްދިނީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށެވެ. އިއްޔެގެ މެޗު ކުރިންވެސް ޓިކެޓުގެ އަގު ބޮޑުވުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، ދެން އޮތް ސީޝެލްސް މެޗަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ ހާއްސަ ހަދިޔާއެއް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"ވަން"އަށް މައުލޫމާތު ދެމުން ލަންކާގައި ދިރިއުޅޭ ގައުމީ ޓީމުގެ ސަޕޯޓަރަކު ބުނެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުން ހިމެނޭ ވައިބަރު ގްރޫޕެއްގައި މިނިސްޓަރު މަހުލޫފު، ސީޝެލްސް މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަކޮށް 500 ޓިކެޓު ހިލޭ ދެއްވަން ގަސްދު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެއަށްވުރެ އިތުރަށް ދަނޑަށް ވަޑައިގަންނަވަން ބޭނުންވާ ސަޕޯޓަރުންނަށް އިތުރު ޓިކެޓުތައްވެސް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވަނީ އެ ގްރޫޕުގައި ވިދާޅުވެފައެވެ.

މަހުލޫފްގެ އެ ހަދިޔާއާއެކު ލަންކާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުންނަށް ވަނީ ބޮޑު ހިތްވަރެެއް ގެނެސްދީފައެވެ. ރާއްޖެއަށް ސީޝެލްސް މެޗު ވަރަށް ބޮޑަށްވެސް މުހިއްމެވެ. ދެން އޮތީ ލީގު ބުރުގެ ފަހު މެޗެވެ. މިވަގުތު އެއް ވަނައިގައި އޮތް ބަންގްލަދޭޝާއި ދެވަނައިގައި އޮތް ސީޝެލްސްއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، ބަންގުލަދޭޝް އަށް އެއްވަނަ ލިބެނީ ޖެހި ގޯލުންނެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފައެވެ.

އަންގާރަ ދުވަހު މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެއެވެ. ދެ ވަނަ މެޗުގައި އެރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝް އާއެވެ. ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެ އާއި ލަންކާއަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓު އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ގޯލުގެ ތަފާތަށެވެ.