އިންޑިއާއާއެކު ވެފައިވާ އެއްބަސް ވުމުގެ ދަށުން، އެމްއެންޑީއެފްގައި ބޭނުން ކުރަމުން އަންނަ ޑޯނިއާ ފްލައިޓް ދުއްވަން ތިބި އިންޑިއާގެ 25 މީހުންނާއި، ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ މީހުން ހިމެނޭ ގޮތަށް ޖުމުލަ 75 އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް އެމްއެންޑީއެފުން ހިއްސާ ކުރީ، ޑޯނިއާ މަތިންދާބޯޓު ދުއްވުމާބެހޭގޮތުން އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް އެމްއެންޑީއެފްގެ އިސް އޮފިސަރުން ދެއްވި ޖަވާބުގައެވެ.
އެ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި އެ އެއްބަސްވުމާބެހޭ އިތުރު މައުލޫމާތު ދެއްވަމުން، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ޑޯނިއާ މަތިންދާބޯޓަކީ ރާއްޖޭގެ ބޭނުންތަކަށް އިންޑިއާއިން ރާއްޖެއާ ހަވާލު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އެއްގޮތަކަށްވެސް އެއީ ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ބޯޓެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެއީ ރާއްޖޭގެ ފުރިހަމަ ކޮމާންޑާއެކު ހަރަކާތްތެރިވާ ގޮތަށް އޮތް ބޯޓެއް ކަމަށާއި، އޭތި ދުއްވޭނީ އެމްއެނޑީއެފްގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އިންޑިއާ ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިިރު ވިދާޅުވީ، ޑޯނިއާ ދުއްވުމަށް ދިވެހި ޕައިލެޓުން ތަމްރީނު ކުރަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތަށް އެއްބަސްވުމަށް ބަދަލު ގެނައީ މިދިޔަ އަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމާބެހޭ ގޮތުން ޝަމާލް ވިދާޅުވީ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ދިވެހި ޕައިލެޓުން ނުލިބޭ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އެކަން ދިމާވަނީ އަމިއްލަ ކުންފުނިތަކުން ޕައިލެޓުންނަށް ދޭ މުސާރަ އެމްއެންޑީއެފް އަށް ނުދެވޭތީ ކަންވެސް ޝަމާލް ފާހަގަ ކުރެއްވިއެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ތެރެއިން ޕައިލެޓުން ތަމްރީނު ކުރަން ފެށި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޑޯނިއާ އަށް ތަމްރީނު ކުރި އެމްއެންޑީއެފްގެ ޕައިލެޓަކު ބޮޑު މުސާރަ ހޯދުމަށް މިހާރު ވެސް ވަޒީފާއިން ވަކިވާން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.