ޚަބަރު

މާލެ ކައިރީން ބިން ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ޕްލޭން އަންނަ މަހު އިއުލާނު ކުރަނީ

ރިފާ ހަލީލު

މާލެ ކައިރިން ބިން ހިއްކައިގެން ގޯތި ދޫކުރުމުގެ ޕްލޭން އަންނަ މަހު ފަހުކޮޅު އިއުލާނު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މާލެ ކައިރިން ބިން ހިއްކައިގެން މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ގޯތި ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ނިންމަވާފައިވަނީ ގުޅިފަޅުން ނޫން ކަމަށާއި ނަމަވެސް އެއީ އެހެން މަޝްރޫއެއްގެ ވާހަކަ ކަމަށެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގައި އިތުރު ބިމެއްގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅުއްވާ ކަމަށާއި، ނަމަވެސް އެކަން އިއުލާން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު އެކަން އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ މާލެ ކައިރިން ބިން ހިއްކައިގެން ގޯތި ދޫކުރުމުގެ ޕްލޭންގެ މަސައްކަތް މިއަހަރު ފަހުކޮޅަށް ނިމި އިއުލާން ކުރާނެ ކަމަށެވެ.

"މިހާރު އެ މަސައްކަތް ބާރަށް ކުރިއަށް ދަނީ. އެ ޕްލޭން އެކުލަވައުލައި ނިމުނީމަ އިނގޭނީ ކޮން ސަރަހައްދަކުންތޯ ގޯތި ދޫކުރާނީ، ކިތައް ގޯތި ތޯ ދޫކުރާނީ. އަދި ކިހާ ބޮޑު މިނެއްގެ ގޯތިތޯ ދޫކުރަނީވެސް އެނގޭނީ މި ޕްލޭންގެ މަސައްކަތް ނިމުނީމަ." އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަ އާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކަން ތަފްސީލު ކޮށްދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ބިން ހިއްކަން ބޭނުންވާ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކާނެ ކަމަށާއި ހިއްކިހާ އަވަހަކަށް އެތަނުން ބިން ކަނޑާފައި ދޭނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޭގެ ފަހުން މިއަހަރުގެ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ތާށިފިލުވުމަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރެވެމުން އަންނަ ހައުސިން ޔުނިޓުތަކަކީ މުޅިން ހައްލެއް ނޫން ކަމަށާއި ބިން އުފެއްދުމާއި އުފެދިފައި ހުރި ބިންތައް ގުޅުވައިލުން މުހިންމު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.