ޚަބަރު

އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ ދަރިވަރުން ޝާމިލުކުރުމުގެ ސިޔާސަތު އެކުލަވާލައިފި

ރިފާ ހަލީލު

އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ ދަރިވަރުން ޝާމިލުވާ ގޮތަށް ހުރިހާ ދަރިވަރުން ޝާމިލު ކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އާންމުކޮށްފައިވާ މި ސިޔާސަތުގައި ބުނެފައިވަނީ މިއީ ހުރިހާ ދަރިވަރުންނަށް އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި ޕްރީސްކޫލު ތަކާއި، ފަށާ ތައުލީމު ދޭ ސްކޫލު ތަކާއި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ދޭ ސްކޫލު ތަކުގައި އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައި ދަރިވަރުންނަށް އުނގެނުމުގެ އަދުލުވެރި އަދި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެ ދަރިވަރުންގެ ގާބިލުކަން ކުރިއަރުވައި ތަރައްގީ ކުރުމަށް، ތައުލީމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު މާނަ ކުރަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އެ ދަރިވަރެއްގެ ގާބިލުކަން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި މެއިންސްޓްރީމް ނިޒާމުގެ ތެރެއިން ނުވަތަ ކިޔަވައިދިނުމުގެ އިތުރު މަގެއް މެދުވެރިކޮށް ހިންގާ އެންމެހައި ހަރަކާތްތައް ތަންފީޒުކުރުމަށް އެކަށައަޅައިފައިވާ މިންގަނޑުތަކާއި، އުސޫލުތަކާއި، ވަސީލަތްތަކާއި، ޒިންމާތަކާއި އަދި މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަމަށެވެ.

މި ސިޔާސަތު އަމާޒުކޮށްފައިވަނީ "ސްޓޫޑެންޓްސް ވިތު ކޮމްޕްލެކްސް ލާނިން ޕްރޮފައިލްސް"ގެ ގޮތުގައި ބަޔާންކޮށްފައިވާ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށެވެ.

އެގޮތުން "ސްޓޫޑެންޓްސް ވިތު ކޮމްޕްލެކްސް ލާނިން ޕްރޮފައިލްސް"ގެ ތެރޭގައި ހިމެނެނީ ތިން ގިންތިއެއްގެ ދަރިވަރުންނެވެ. މި ތިން ގިންތިއަކީ އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުންނާއި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ހާއްސަ ހާލަތްތައް ދިމާވާ ދަރިވަރުންނެވެ.

މި ސިޔާސަތުގައި ދަރިވަރުން ގިންތިކޮށްފައިވަނީ، ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިއާޔަތްކޮށް، ކިޔަވައިދިނުމަށް ބޭނުންވާނެ ވަސީލަތްތަކާއި އާލާތްތައް ހޯދައިދިނުމަށާއި އުނގަންނައި ދިނުމަށް ކޮންމެހެން ގެންނަން ޖެހޭ ތަފާތު ބަދަލުތަކަށް ސްކޫލުތަކާއި ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތައް އަހުލުވެރި ކުރުމަށެވެ.

ސިޔާސަތުގެ މަގުސަދު:

  • ތައުލީމުގެ ގާނޫނުގެ ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމުގެ ގޮތުން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް
  • ރާއްޖޭގެ ސްކޫލުތަކުން ފުރުސަތު ދިނުމާއި، ތައުލީމު ފޯރުކޮށްދިނުމާއި، ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ބަޔާންކުރުން.
  • މި ސިޔާސަތު ތަންފީޒު ކުރުމުގައި މަސްއޫލުވާ އެކިއެކި ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާތައް ބަޔާންކުރުން.
  • ސިޔާސަތުގައި ބަޔާންކޮށްފައިވާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށް އުނގެނުމުގެ އަދުލުވެރި އަދި ހަމަހަމަ ފުރުސަތުތަކާއި، ހުނަރު ދަސްކުރުމާއި، ކުޅިވަރާއި، އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭނެ ފަހި ފުރުސަތުތައް އެކުލެވޭ ތައުލީމީ ނިޒާމެއް ގާއިމުކުރުން.

މި ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގައި އަސާސްތަކެއް ހިފަހައްޓަންޖެހެ އެވެ. އެގޮތުން ފަރުދީ ތަފާތުތަކަށް އިހުތިރާމު ކުރުމާއެކު އަގުކުރާ މާހައުލެއް އުފެއްދުމާއި ޒިންމާދާރު ވެރިން އުފެއްދުމާއި ދަރިވަރުން މުޅި ސްކޫލުގެ ހުރިހާ ފަންތިއެއް ހިމެނޭގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް މަގުފަހި ކުރުން ހިމެނެ އެވެ. އަދި ޝާމިލު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ބެލެނިވެރިންނާއި، ދަރިވަރުން އަދި ދަރުމަވެރިންގެ ދައުރު ފުޅާކޮށް އެ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކަންކަން ރާވައި ހިންގުމާއި ގުޅިގެން މަ ސައްކަތް ކުރުމުގެ ނިޒާމު ގާއިމުކުރުން ހިމެނެ އެވެ.

އޭގެ އިތުރުންވެސް ހުނަރުވެރި ގާބިލު ޓީޗަރުންނާއި ފަންނީ މީހުން ބިނާކުރުމާއި އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމާއި ކާމިޔާބު ކަމާއެކު އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ވާސިލުވުމާއި ގާތުން ބެލުމާއި ވަޒަން ކުރުމާއި ޒިންމާދާރު ކުރުންވެސް ހިމެނެ އެވެ.

މިއީ މިދިޔަ އަހަރު އަމަލު ކުރަންފެށި ތައުލީމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ރ.ގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތެވެ. ތައުލީމުގެ ގާނޫނުގެ އަށް ވަނަ މާއްދާ އަކީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަކީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ ތައުލީމީ ނިޒާމަކަށް ހެދުމާއި ގުޅޭ މާއްދާއެވެ. އެމާއްދާގެ ރ ގައި ބުނެފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހިރާއްޖޭގެ ސްކޫލްތަކުން ފުރުސަތު ދިނުމުގައި އަދި އެކުދިންނަށް ތައުލީމު ދިނުމުގައި ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި ހިފަހައްޓަންޖެހޭ ހަމަތައް ބަޔާންކުރާ ސިޔާސަތެއް، މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރަންވާނެ ކަމަށެވެ.

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާތު ޑިޕާޓްމަންޓުތަކާއި،ސެކްޝަންތަކާއި، އަދި ސްކޫލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންޖެހެ އެވެ.