ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑުން ފަސޭހަކަމާއެކު އަލްބޭނިއާ ބަލިކުރި އިރު، ސްވިޒަލޭންޑުން އިޓަލީ ހިފަހައްޓައިފިއެވެ.

ރޭ އިންގްލެންޑުން އަމިއްލަ ދަނޑުގައި އަލްބޭނިއާގެ މައްޗަށް ކުރިހޯދީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފަސް ގޯލުވެސް އިންގްލެންޑުން ފުރަތަމަ ހާފްގައި ޖެހި އިރު، ކޭން މިއަހަރު އިންގްލެންޑަށް 12 ގޯލު ޖަހައިދީފައިވެއެވެ. ޓޮޓެންހަމްގައި ކޭންގެ ފޯމު މި ސީޒަންގެ މިހާތަނަށް އެންމެ ރަނގަޅު ނޫން ނަމަވެސް ރޭގެ ހެޓްރިކާއެކު އޭނާއަށް ހިތްވަރެއް ލިބޭނެ ކަމަށް ބެލެވެއެވެ.

އިންގްލެންޑުން ހޯދި ބޮޑު މޮޅާއެކު އެޓީމު ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންއާ ފިޔަވަޅެއް ގާތަށް ޖެހިލައިފައެވެ. މިހާރު ތާވަލުގައި އޮތް ހިސާބުން ކޮލިފިކޭޝަންގައި ކުޅެން އޮތް އެންމެ ފަހު މެޗުގައި ސެން މެރީނޯ އަތުން އިންގްލެންޑް ހޯދަން ޖެހެނީ ޕޮއިންޓެކެވެ. އެ ޕޮއިންޓާއެކު އެޓީމުން ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވާނެއެވެ.

އިންގްލެންޑަށް ފުރަތަމަ ހާފުގައި ގޯލުތައް ޖަހައިދިނީ ކޭންގެ އިތުރުން ހެރީ މެގުއާ އަދި ޖޯޑަން ހެންޑަސަންއެވެ.

ރޭ އިޓަލީން ކުޅުނު ކޮލިފިކޭޝަންގެ މުހިއްމު މެޗުގައި ސްވިޒަލޭންޑް އަތުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރޯމްގައި ރޭ ކުޅުނު މެޗުން މޮޅުވެ އިޓަލީއަށް ގްރޫޕް ސީގެ އެއް ވަަނައިގައި ލީޑެއް ނަގައި، ވޯލްޑް ކަޕަށް ކޮލިފިފައިވުމަށް ޔަގީން ޖާގައަކާ ގާތަށް ޖެހިލެވެން އޮތް ނަމަވެސް އެ ފުރުސަތު އިޓަލީން ނަގާލިއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ސްވިޒަލޭންޑުގެ ސިލްވޭން ވިލްޑްމެއާ ވަނީ އިޓަލީ ކޮޅަށް ގޯލު ޖަހައިފައެވެ. އިޓަލީން މެޗުގެ ނަތީޖާ އެއްވަރުކުރީ 36 ވަނަ މިނިޓްގައި ޖިއޮވާނީ ޑި ލޮރެންޒޯ ޖެހި ގޯލުންނެވެ. މެޗުގެ ފަހު މިނިޓްގައި އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށް ސްވިޒަލޭންޑް އޭރިއާ ތެރެއިން ކުރި ފައުލަކަށް ޕެނަލްޓީއެއް ލިބިފައިވާ އިރު، ޗެލްސީގެ ޖޯޖީނިއޯ ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.

ޖޯޖީނިއޯއަކީ ޕެނަލްޓީ ކާމިޔާބު ކުރުމުގައި ތަފާތު ހުނަރެއް ގެންގުޅޭ ކުޅުންތެރިޔަކަށްވާ އިރު، އޭނާ އަތުން ޕެނަލްޓީއެއް ނާކާމިޔާބު ވަނީ މަދު ފަހަރަކުއެވެ. ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މިދިޔަ ސީޒަންގައި ހޯދި ޖޯޖީނިއޯއަކީ އިޓަލީއަށް ޔޫރޯ ނަގައިދިނުމުގައިވެސް އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

ކޮލިފައިން ފަހު މެޗުގައި އިޓަލީ ކުޅޭނީ ރަށުންބޭރުގައި ނޮދަން އަޔަލެންޑާއެވެ. ސްވިޒަލެންޑް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބަލްގޭރިއާއާ އެވެ.