ހިތުގެ މައްސަލައެއްގެ ސަބަބުން ސާޖިއޯ އަގުއޭރޯ ފުޓުބޯޅަ ކުޅުން ހުއްޓާލަން އުޅޭ ކަމުގެ ވާހަކަތަކެއް އިއްޔެ ދެކެވުމުން، އެ ވާހަކަތަކަށް އޭނާ ޖަވާބު ދީފިއެވެ.

އުމުރުން 33 އަހަރުގެ އާޖެންޓީނާ ފޯވަޑް އަގުއޭރޯ ކުޅުން ހުއްޓާލަން އުޅޭ ކަމަށް ނޫސްތަކުން ބުނެފައި ވަނީ ބާސެލޯނާއިން އަލާވޭސްއާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުންނެވެ.

އެ މެޗުގައި އަގުއޭރޯ ނޭވަޔަށް އުނދަގޫވެ ދަނޑުން ބާލަން ޖެހިފައިވާ އިރު، ދަނޑުން ބާލައިގެން އަގުއޭރޯ ގެންދިޔައީ ސީދާ ހޮސްޕިޓަލަށެވެ. ބައެއް ޓެސްޓްތައް ފުރިހަމަ ކުރުމުން އަގުއޭރޯ ހިތުގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައިވާ އިރު، ބާސާއިން ބުނެފައި ވަނީ ކުރިއަށް އޮތް ދެމަސް ދުވަހު އަގުއޭރޯ ދަނޑުމަތިން ނުފެންނާނެ ކަމަށެވެ.

އިއްޔެ ބައެއް ރިޕޯޓުތައް ބުނެފައި ވަނީ އަގުއޭރޯގެ ހިތުގެ މައްސަލަ ކުރިއަށްވުރެ ސީރިއަސް ކަމަށާއި، އޭނާ މި ސީޒަންގެ ތެރެއިން ރިޓަޔާވާން ވިސްނާ ކަމަށެވެ. އެ ވާހަކަތަކާއެކު އަގުއޭރޯ ކުރި ޓުވީޓެއްގައި ބުނީ އެއީ އަދި ތެދު ހަބަރެއް ނޫން ކަމަށެވެ. މިވަގުތު ކުރިއަށް ދަނީ 90 ދުވަސް ވަންދެން ޑޮކްޓަރުން ބުނާ ޓެސްޓްތަކެއް ހެދުން ކަމަށާއި، އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނަން ޖެހޭ ކަމަށް އަގުއޭރޯ ބުންޏެވެ.

އަގުއޭރޯ އަކީ މެންޗެސްޓާ ސިޓީއަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން އަގުއޭރޯ ބާސާ އަށް ބަދަލުވެފައިވާ އިރު، އެ ކްލަބު ޖާޒީގައި ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ މަހުއެވެ. އޭގެ ކުރިން ހުރީ ކުޑަކަޅުވާ މަސްގަނޑުގެ އަނިޔާއެއްގައެވެ.