ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ދިވެހި ސިފައިން ނުކުތުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި "މިނިވަންކަމުގެ ދިފާއުގައި" ހިނގާލުމުގެ ތެރެއިން ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ސިފައިންނަކީ ގައުމުގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިބޭ ބައެއް ކަމަށެވެ. އަދި

އަދުރޭ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނީ އިމުން ބޭރުވެފައިވާ ކަމަށާއި ގާނޫނީ އިމުގެ ތެރެއަށް ވަންނަން ދެކޮޅު ހަދާނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިފާއީ ބާރުތަކުން ރައީސް ސޯލިހު ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ.

"ޖުމްހޫރީ ނިޒާމުގެ ވާހަކަ އެމަނިކުފާނު (ރައީސް ސޯލިހު) ރޭގައި ވަރަށް ގަދަޔަށް ދެއްކެވި. ޖުމްހޫރީ ނިޒާމަކީ އެއީ މަޝްވަރާގެ އުސޫލުން ކަންކުރާ އުސޫލު. އެ ނިޒާމަކީ މިއަދު ދުނިޔޭގެ ވެރިކަންކުރާ ނިޒާމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނިޒާމުކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ނިޒާމު. ރާއްޖޭގައި މިއޮތް ޖުމްހޫރީ ނިޒާމު ފުނޑާލުމަށްޓަކައި މަނިކުފާނާއި (ރައީސް ސޯލިހު) މަނިކުފާނުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މަސައްކަތް ކުރަވަމުންދާތަން ބަލާކަށް ދިވެހި ރައްޔިތުންނެއް މަޑަކުން ނުތިބޭނެ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް ސިފައިން ނުކުންނަން ޖެހޭ" އަދުރޭ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހު ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަތަކާ ގުޅިގެން އަދުރޭ ވިދާޅުވީ އެ ވާހަކަތަކުން ރައްޔިތުންނަށް އެގުނީ ރައީސްގެ ބަހާއި އަމަލު ދިމާނުވާކަން ކަމަށެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަކުރަން ޖާގަ ނުދޭނެކަން ރައީސް ވިދާޅުވެފައިވީ ނަމަވެސް ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން ދުވަހަކުވެސް އިސްލާމްދީނަށް ފުރައްސާރަ ނުކުރާ މިންވަރަށް މި ވެރިކަމުގައި ފުރައްސާރަ ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ދުވަހު ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ރައީސް ވިދާޅުވިޔަސް އެކަން އެގޮތަށް ކުރައްވަމުން ނުގެންދަވާ ކަމަށާއި އެގޮތުން ރާއްޖޭގެ މިނިވަންކަމަށް ބޫރުއާރާގޮތަށް އުތުރުތިލަފަޅުގެ އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގައި އިންޑިއާ ސިފައިން ސްޓޭޝަން ކުރުމަށް މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިންޑިއާއާއެކު ސިއްރު އެއްބަސްވުން ހަދައި އެގައުމުގެ ސިފައިން ރާއްޖޭގައި ސްޓޭޝަން ކުރަނީ ރައީސް ސޯލިހުގެ ވެރިކަމަށް އައުމަށް އިންޑިއާއިން އެހީވެދިނުމުން، އެކަމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން މިއަދު ދިމާވެފައި ނެތްނަމަ މާލޭގެ މަގުތަކުގައި ހިނގާނުލެވޭ ވަރަށް އިދިކޮޅުން ކޯލިޝަނުން ކުރިއަށް ގެންދާ ގައުމީ ހަރަކާތްތަކުގައި މީހުން ބައިވެރިވާނެ ކަމަށެވެ. އަދި ބޭރުގެ ބޮޑެތި ބާރުތަކުން ރާއްޖެ އަޅުވެތިކޮށްފައި ވަނިކޮށް ދިވެހިން ނުކުމެ މިނިވަންކަން ހޯދި ކަމަށާއި ހަމަ އެ އަޒުމުގައި ދިވެހިން މިނިވަންކަން ދިފާއުކުރަން ނުކުންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.