ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ޖެނިން ކާސްޓީ ބްރިމްލޯއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ މުލިއާގޭގައެވެ. ބައްދަލުވުމަށްފަހު ބްރިމްލޯ ކުރި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލައާ ގުޅޭ ގޮތުން ކަމަށެވެ.
ބްރިމްލޯއާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާ ވެސް ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެ ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީން އެކުލަވާލި މޭ ހައެއް ކޮމިޓީގެ މެމްބަރުންނާވެސް ބައްދަލުކުރައްވައިފައެވެ.
ނަޝީދުގެ ވަކީލަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ބްރިމްލޯއާއަކީ އިންސާނީ ހައްގުތަކާއި ކްރިމިނޮލޮޖީ ދާއިރާގައި މަސައްކަތް ކުރައްވާ ވަކީލެކެވެ. ބްރިމްލޯ ނަޝީދުގެ ވަކީލެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ބްރިމްލޯގެ ދައުރަކީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ބަލައި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން އެހީތެރިވުމެވެ.
ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ސައިކަލު ބަހައްޓާފައި ހުރީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ގޯޅި ކަންމަތީގައެވެ. ނަޝީދަށް ހަމަލާދީފައިވަނީ ރިމޯޓަކުން އައިއީޑީ ގޮއްވާލައިގެންނެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށް ޖިނާއީ ދައުވާ ވަނީ ދައުވާކޮށްފައެވެ. އެމީހުންގެ ޝަރީއަތްތައް މިހާރު ވަނީ ކުރިމިނަލް ކޯޓުގައި ފަށައިފައެވެ.
ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ވެސް ވަނީ މަންދޫބަކު އައްޔަންކޮށްފައެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒެވެ. އައްބާސްއަކީ ގިނަ އަހަރުތަކެއް ވަންދެން އެމެނެސްޓީ އިންޓަނޭޝަލްގައި މަސައްކަތްކުރި ބޭފުޅެކެވެ. އައްބާސްގެ ދައުރަކީ ޓެރަރިސްޓު ހަމަލާގެ ޝަރީއަތް ކުރިއަށްދާ ގޮތް ވިލަރެސް ކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު