ކޮވިޑް ވެކްސިން ލިބުމުގައި އަންނަ އަހަރު ދުނިޔެ ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފިއެވެ.
ވެކްސިން ޖެހުމަށް ބޭނުންޗކުރާ ސިރިންޖު މަދުވުމުގެ މައްސަލަ ފެންމަތިވާން ފަށާފައިވާއިރު މި ފަރަގު އަންނަ އަހަރާއި ހަމަޔަށް 2 ބިލިއަނަށް އަރާނެ ކަމުގައި ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
އޭއެފްޕީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑަބްލިއުއެޗްއޯ އިން މި އިންޒާރު ދީފައިވަނީ މިހާތަނަށް ގައުމުތަކުގައި ކުރިއަށް ގެންދިޔަ ކޮވިޑް ވެކްސިން ޕްރޮގުރާމުގެ ތެރެއިން 7.25 ބިލިއަން ޑޯޒުގެ ވެކްސިނަށް ސިރިންޖު ބޭނުންކުރެވިފައިވާތީއެވެ. މި އަދަދަކީ ބައިނަލްއަގުވާމީ ގޮތުން އަހަރަކަށް ވެކްސިން ދެވޭ އަދަދުތަކަށްވުރެ ދެގުނަ މަތީ އަދަދުތަކެއް ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެއެވެ.
ޑަބްލިއުއެޗްއޯގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ލީސާ ހެޑްމަން ބުނެފައިވާ ގޮތުގައި މިހާރުން ފެށިގެން 2023ގެ ނިޔަލަށް ކޮވިޑުގެ ދެ ޑޯޒު ވެކްސިން ދޭން ޖެހޭ 6.8 ބިލިއަން މީހުން ތިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ބައިނަލްއަގުވާމީ މާރުކޭޓު ތަކަށް އަހަރަކަށް ކާރުހާނާތަކަށް ސިރިންޖު އުފެއްދުމުގެ ގާބިލުކަން ލިބިފައިވަނީ އެންމެ ގިނަވެގެންވެސް 6 ބިލިއަންގެ ސިރިންޖަށް ކަމަށްވާއިރު، ވެކްސިން ޕްރޮގުރާމުތައް މިގޮތަށް ކުރިއަށް ގެންދާ ނަމަ ވެކްސިން ދިނުމަށް ބޭނުންވާ ބިލިއަނަށްވުރެ ގިނަ ސިރިންޖަށް އަންނަ އަހަރު ދުނިޔެ ޖެހޭނެ ކަމަށް ހެޑްމަން ވަނީ ފާހަގަކޮށްފައެވެ.
ވެކްސިން ޖެހުމަށް ބޭނުންކުރާ ސިރިންޖު ލިބުމުގެ ދަތިކަމަށް ކުރިއަށް އޮތް ތަނުގައި ދުނިޔެ ކުރިމަތިލާއިރު، އޭގެ ސަބަބުން ނުކުމެދާނެ މައްސަލަތަކުގެ ތެރޭގައި ވެކްސިން ދިނުމުގައި ސްޓެރިލައިޒު ނުކުރާ ސިރިންޖު ބައެއް ގައުމުތަކުގައި ބޭނުންކޮށްފާނެ ކަމުގެ ބިރު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް ކޮވިޑާއި އެހެނިހެން ބަލިތަކުން ދިފާއު ވުމަށް ޖަހާ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުއްޓުމެއް އައިސް ބަލިތައް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމުގައި ވެސް ބުނެއެވެ.
ވެކްސިން ޖެހުމަށް ބޭނުންކުރާ ސިރިންޖަށް ދުނިޔެ ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާތީ ގައުމުތަކުން މިކަމަށް ދުރާލައި ވިސްނައި ތައްޔާރު ވުމަށާއި ނަމަވެސް ގަނޑުކޮށް ގިނަ އަދަދުތަކުން ގަނެ ރައްކާ ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ގައުމުތަކުން ވެކްސިން ފޯރުކޮށްދިނުމުގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މިމައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމުގައިވެސް ހެޑްމަން ވަނީ ބުނެފައެވެ.