ޚަބަރު

އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ދައުލަތުން މީޑިއާތަކަށް ހަރަދުކުރޭ: އަދުރޭ

އަލީ ޔާމިން

އިދިކޮޅު، ޕީޕީއެމް އާއި ޕީއެންސީގެ އަޑު ކަނޑުވާލުމަށް ރާއްޖޭގައި ހިންގާ މީޑިއާ ތަކަށް ދައުލަތުން ހަރަދުކުރާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުރައްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހޯދައިދޭނެ ކަމަށް ވައުދުވެގެން ކަމަށާއި ވެރިކަން ލިބުމުން މިއަދު ފެނިގެންދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދޭނެ ކަމަށް ބުނެ ވި ދައުވާ ދިމާ އިދިކޮޅަށް އަމަލުތައް ކުރަމުން ގެންދާ މަންޒަރު ކަމަށެވެ.

އެގޮތުން އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"މިއަދު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކޮށްގެން އިދިކޮޅު ފަރާތްތަކުގެ އަޑު މީޑިއާތަކުން ގެނެސް ނުދިނުމަށް މަސައްކަތް ކުރާ ގެންދިއުން އެއީތޯ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިބްރާހިމް މުހައްމަދު ސޯލިހު ކައިރިން އަހާލަން އަޅުގަނޑު ބޭނުން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މި ސަރުކާރުން ރަނގަޅު ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން ކަމަށާއި އެމަނިކުފާނު އިސްތިއުފާ ނުދެއްވައި ރާއްޖެ ރަނގަޅު ކުރެވޭކަށް ނެތް ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތާރިހު ވެރިކަމެއް އަދިވެސް ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސަރުކާރަކަށް ކަމަށެވެ.