ފ. ނިލަންދޫގައި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އަނިޔާވި އަންހެނަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
"ވަން" އަށް އެނގިިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 9:45 ހާއިރު ޔުނިފޯމްގައި ހުރި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން އެރަށުގެ ބައެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ.
ނިލަންދޫ ހެލްތު ސެންޓަރުގެ އޮފިސަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފިރިހެނަކާއި ދެ އަންހެނުންނަށް ކަމަށާއި އޭގެ ތެރެއިން އުމުރުން ދުވަސްވީ އަންހެނަކު އިތުރު ފަރުވާއަށް މިއަދު މާލެ ފުރުވާލައިފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އެ އަންހެން މީހާގެ ބޯވަނީ ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދެން ތިބި ދެމީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. 59 އަހަރުގެ އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފައި މިވަނީ" އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާ މާލެ ފޮނުވާލައިފައިވަނީ މިއަދު މެންދުރުފަހު 2:55 ހާއިރު އެމްއެންޑީއެފްގެ ސީއެމްބިއުލާންސްގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު