އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ސަތާރަ އަހަރުގެ ކުއްޖާ ގޭ ބަންދަށް މިއަދު ޖުވެނައިލް ކޯޓުން ވަނީ އިތުރު 13 ދުވަސް ޖަހައިފައެވެ. އެ ކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އާންމު ކުރީ މިއަދުއެވެ.
ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ މިދިޔަ މަހު ރިޕޯޓެއް ނެރެފައެވެ.
އެ ރިޕޯޓަށް ފަހު މައްސަލަތަކާ ގުޅިގެން ބަންދުކޮށްފައިވާ ބައެއް ކުދިން މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެގޮތުން ގއ. މާމެންދޫގައި މިދިޔަ ފެބްރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި އެރަށު އަހުމަދު އުދައްޔު (17އ) މަރައިލި މައްސަލައިގައި ދައުވާ ލިބޭ ކުޑަކުއްޖަކު ގޭ ބަންދަށް ބަދަލުކުރުމަށް ވެސް ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.
އެ މައްސަލައާ ގުޅިގެން 17 އަހަރުގެ ކުއްޖައާއެކު 27 އަހަރުގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. 27 އަހަރުގެ އެ މީހާއަކީ މީގެ ކުރިން ވެސް ޖިނާއީ ކުށްތަކުގެ ރިކޯޑު އޮންނަ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންއެވެ. ކުއްޖާގެ މަރާ ގުޅިގެން ޒިހާންގެ މައްޗަށް ވަނީ ހަތް ކުށެއްގެ ދައުވާކުރެއެވެ. 17 އަހަރުގެ ކުއްޖާއަށް ތިން ދައުވާއެއް ކުރެއެވެ.