ޚަބަރު

ފުލުހަކަށް އަނިޔާކުރި މީހަކު އެއް މަހަށް ޖަލަށްލާން ހުކުމްކޮށްފި

މުހައްމަދު އިޝާން

ފުލުހަކަށް އަނިޔާކުރި މީހަކު އެއް މަހާއި 20 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ފުލުހަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތު ވެ، ޖަލަށް ލާން ހުކުމްކުރީ ލ. ކަލައިދޫ، އުނިމާގެ ހަސަން ޒިޔާދު އެވެ.

އެނާގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ވިދާޅުވެފައިވަނީ، ޒިޔާދު މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު 1:30 އެހާކަންހާއިރު ޕޮލިސް ކޮންސަޓަބަލް ކ. މާލެ، އަހުމަދު ފާރީޝް ހުޅުމާލެ ޕޮލިސް ގަރާޖުގައި ކުރިމަތީގައި ހުއްޓައި، ޒިޔާދު ވަނީ ކަނާއަތު ފައިން ފާރިޝްގެ މޭމަތީގައި ޖަހާފައި ކަމަށެވެ. އެ ހަމަލާގެ ސަބަބުން ފާރީޝް އަށް އަނިޔާވެފައިވާތީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށް ޒިޔާދަށް ކުރާ ކަމަށެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޒިޔާދު ވަނީ ކުށަށް އިއުތިރާފު ވެފައެވެ. އަދި މައްސަލަ ވަކީލަކާއެކު ކުރިއަށް ގެންދަން ބޭނުން ވާ ކަމަށް ބުނެފައެވެ. އެ އިއުތިރާފަކީ އަމިއްލަ އިހުތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއްނެތި ވާ އިއުތިރާފެއް ކަމަށް ވެސް ބުންޏެވެ. އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ޒިޔާދަށް އަންނާނެ އަދަބު ސާފުކޮށްދީފައެވެ. ޝަރީއަތުން ވަނީ ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ލިބިދޭ ހައްގުތަށް ޒިޔާދަށް ލިބުނު ކަން ކަށަވަރުކޮށްފައެވެ.

ޒިޔާދު އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފު ވުމުން މި މައްސަލަ ވަނީ އަވަސް ނިޔާގެ ގޮތުގައި ކުރިއަށް ގެންގޮސްފައެވެ. ޒިޔާދަށް ކުރެވޭ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އިބްތިދާއީ އަޑުއެހުމުގައި އަދި އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް ޒިޔާދު ކުށައް އިއުތިރާފުވެފައިވާތީ އާއި އޭނާގެ ކުށުގެ ރިކޯޑެއް ނެތުމުން އަދަބުގެ މިންވަރު ލުއިވާނެއެވެ. ޒިޔާދުގެ ފަރާތުން އެދުނީ ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމާނާގެ އަދަބަކަށެވެ. އެގޮތަށް އޭނާ އެދުނީ ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރަމުންދާތީ ފައިސާ ލިބޭތީއެވެ.

ޝަރީއަތުން އެންގީ ޒިޔާދު ކަންނެލި ދޯނީގައި މަސައްކަތް ކުރަމުން އަންނަ ކަމުގެ ހެއްކާއި އެ މަސައްކަތުން ފައިސާ ލިބޭ ކަން ހާމަކޮށްދޭ ހެކި ހުށަހެޅުމަށެވެ. ނަމަވެސް ޒިޔާދުގެ ފަރާތުން ހެކި ހުށަ ނޭޅުމުން ޝަރީއަތުން ނިންމީ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ޒިޔާދުގެ ފަރާތުން ހެކިހުށަޅަން ދިން ފުރުސަތުގައި ހެކި ހުށަނޭޅުމުން ޝަރީއަތުން ނިންމީ އޭނާ އެއް މަހާއި 20 ދުވަހަށް ޖަލަށް ލުމަށެވެ. އަދަބުގެ މިންވަރު ލުއިކޮށް ހުކުމްކުރީ ކުށަށް އިއުތިރާފުވުމުންނާއި ކުށުގެ ރިކޯޑެއް ނެތުމުންނެވެ.

މި މައްސަަލަ ބެއްލެވީ ގާޒީ ހަސަން ސައީދުއެވެ.