އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް އެކެއްގައެވެ. އަދި އެ މަސައްކަތަށް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
ޖުމުލަ 66.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް ހިމެނޭ އިރު، 2،250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.